ދުނިޔެ

ކުރީގެ ރައީސްގެ ހުކުމް ލަހެއް ނުކުރެވޭނެ: ބްރެޒިލް ސުޕްރީމްްކޯޓް

ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ދަ ސިލްވާއަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަން މިހާރު ފަށަން ޖެހޭ ކަމަށް އެގައުމުގެ ސުޕްރީމްކޯޓުން ނިންމައިފިއެވެ.

ބްރެޒިލްގެ ސުޕްރީމްކޯޓުން މިހެން ނިންމާފައި މިވަނީ އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމެންދެން ހުކުމް ތަންފީޒު ކުރުން ލަސްކޮށްދިނުމަށް ދަސިލްވާ އެދިވަޑައިގެންފައި ވަނިކޮށެވެ.

ބްރެޒިލްގެ ސުޕްރީމްކޯޓުގެ ހަ ފަނޑިޔާރުންގެ ބެންޗަކުން ނިންމި އެ މަައްސަލައިގައި ރައުޔު ތަފާތުވީ އެންމެ ފަނޑިޔާރެއްގެއެވެ. ކޯޓުގެ މި ރޫލިންއާއި އެކު ބްރެޒިލްގެ ސިޔާސީ މަޝްރަހަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވާނެ ކަަަމަށް ބެލެވެއެވެ. އެހެނީ ދަސިލްވާ އަކީ އެގައުމުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރެވެ.

އުމުރުން މިހާރު 72 އަހަރު ވެފައިވާ ދަސިލްވާ އަކީ 2003 ވަނަ އަހަރުންް ފެށިގެން 2011 ވަަނަ އަހަރާ ހަމައަށް ބްރެޒިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާ މިހާރު މަސަައްކަތްކުރައްވަމުން ގެންދަވަނީ އެގައުމުގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާށެވެ. މިދަނޑިވަޅުގައި އޭނާ ޖަލަށް ލައިފި ނަމަ ބްރެޒިލްގެ ރިޔާސީ އިންތިހާބަށް ވެސް އެކަމުގެ އަސަރުކުރާނެ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ލޫލާގެ މައްޗަށް ސާބިތުވީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބަސް އިން ކޮންޓްރެކްޓެއް ހޯދުމަށް އިންޖިނިއަރިން މަސައްކަތް ކުރާ ކުންފުންޏެއް ކަަމަށްވާ އޯއޭއެސްއަށް އެހީތެރިވެދީ އޭގެ ބަދަލުގައި ބީޗްފްރޮންޓް އެޕާޓްމަންޓެއް ހޯއްދެވި ކަމުގެ ކުށެވެ.