ދުނިޔެ

ގަތަރު މައްސަލަ ހައްލުކުރަން ސަލްމާން އަރިހުން ޓްރަމްޕް އެދިވަޑައިގެންފި

ސައުދީ އަރަބިއްޔާއާއި އެގައުމުގެ ބައިވެރިން ގަތަރާ ގުޅުން ކަނޑާލައި އެގައުމަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮތް އޮތުން ނިމުމަކަަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު އަލް ސައުދަށް ދަންނަވައިފިއެވެ.

އެމެރިކާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް ބުނީ ޓްރަމްޕް ސަލްމާނާ އެމޭރުމުން ވާހަކަފުޅު ދެއްކެވީ މިއޭޕްރިލްމަހުގެ ދެވަނަ ދުވަހު ކުރެއްވި ފޯނުކޯލެއްގައި ކަމަށެވެ. އަދި ބުނީ ގަތަރު މައްސަލަ ހައްލުކުރަން ޓްްރަމްޕް ސަލްމާނަށް ދެންނެވީ ވަރަށް ބޮޑަށް ބާރު އަޅުއްވަމުން ކަމަށެވެ. ނަމަވެސް އެވާހަކަފުޅަށް ސަލްމާން ދެއްވި ޖަވާބެއް ނޭނގެއެވެ.

ރޮއިޓާސްްއާ ވާހަކަދެއްކި އޮފިޝަލުން ބުނެފައިވާ ގޮތުގައި ޓްރަމްޕް އެދިވަޑައިގަންނަވަނީ ގަލްފުގެ އަރަބިގައުމުތަގެ މެދުގައި އޮތް ބައިބައިވުން ނައްތާލައި އެންމެން ގުޅިގެން އީރާނާ ދެކޮޅަށް މަސައްކަތްކުރުމަށެވެ.

ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް(ޔޫއޭއީ) ، ބަހުރައިން އަދި މިސްރުން ގަތަރާ ގުޅުން ކަނޑާލައި، އެގައުމުތަކުގެ ވަޔާއި ކަނޑުގެ ސަރަހައްދު ބޭނުންކުރުން ގަތަރަށް މަނާކުރީ މިދިޔަ އަހަރުގެ ޖޫންމަހުއެވެ. އެފިޔަވަޅު އެޅީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވާކަމަށް ތުުހުމަތުކޮށްފައެވެ.

" ރައީސްގެ ސަމާލުކަން އަބަދުވެސް އޮތީ އީރާނަށް. އެގައުމުގެ ނިއުކްލިއަ އަދި މިސައިލް ޕްރޮގްރާމަކީ ގަލްގުގެ ހުރިހާ ގައުމަކަށާއި އިޒްރޭލަށް ހުރި ނުރައްކަލެއް. ސައުދީއާއި އެމިރޭޓްސް އިން ގަތަރާ ޖެހިގެން އުޅޭ މައްސަލައަކީ މާނައެއް ނެތް ކަމެއް،" ޓްރަމްޕްގެ ފޯނުކޯލާ ބެހޭ މައުލޫމާތު ރޮއިޓާސްއަށް ދިން އޮފިޝަލް ބުނެފައި ވެއެވެ.

ގަތަރު މައްސަލަ ހައްލުކުރަން ޓްރަމްޕް މިހާރު އުޅުއްވާ އުޅުއްވުމަކީ ސިޔާސަތަށް އައި ބަދަލެކެވެ. މައްސަލަ ފުރަތަމަ އުފެދުނު ދުވަސްވަރު ޓްރަމްޕް އުޅުއްވީ ސައުދީއާ އެއްކޮޅަށް އަރުއްވައިގެންނެވެ.

ގަލްފުގަައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ހުންނަނީ ގަތަރުގައެވެ. އަނެއްކޮޅުން ސައުދީ އަރަބިއްޔާއަކީ އެމެރިކާއިން ކުރާ ހަނގުރާމަތަކުގައި އެގައުމަށް އެންމެ ބޮޑަށް ވާގިވެރިވާ އެއްގައުމެވެ. ޔޫއޭއީއާއި މިސްރަކީވެސް އެފަދަ ދެގައުމެވެ.