ސިއްހަތު

މަތިންދާބޯޓުގައި އެހާ ގިނައިން ފޮޑި ޖެހެނީ ކީއްވެ؟

މިދިޔަ ހަފުތާގައި ކޮޅުނބުން މާލެ އަށް ކުރި ދަތުރެކެވެ. ބިޒްނަސް ކްލާހުގައި ހުސް ޖާގަ ގިނަވެގެން އެކުވެރިޔަކަށް ނަސީބުލައްވާލީ އެވެ.

ނަމަވެސް ބިޒްނަސް ކްލާހުގައި އޭނާ ކުރި އަލަތު ދަތުރު ފެށިތަނުން ހަރާބުވެއްޖެ އެވެ. ބަނޑުފުރާލައިގެން މަސާޖެއްކޮށްލަން ޖައްސާލިތަނުން މޭނުބައި ކޮށްގަތީ އެވެ. "ޗައިނީސް ފޮޑި" އެއްގެ ކުލަ ބޮއްކެއް މޫނު މައްޗަށް ތަޅައިގެން ދިޔައީ އެވެ.

"އައި ޖަސްޓް ފާޓެޑް. ޑޫ ޔޫ މައިންޑް،" ޖެހިގެން އޮތް ސީޓުން ބޯ ހިއްލާލާފައި ތެދުވި ޗައިނާގެ ފަސިންޖަރު މިހެން ބުނެލުމުން އަޅުގަނޑުގެ އެކުވެރިޔާ ލަދުރަކި ހިނިތުންވުމަކުން ހިތްހަމަޖައްސާލީ އެވެ.

މި ސުވާލަށް ޖަވާބު ދޭން ފަސޭހަނުވިޔަސް މަތިންދާބޯޓުގައި "ފޮނޑިތެޅޭ" މީހުންނާ ދިމާވުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ. އެކުވެރިއެއް ގާތު ވެސް އަހާލަބަލާށެވެ. އޭނާ ހުންނާނީ މަތިންދާބޯޓެއްގެ ތެރެއަށް ފޮޑިޖަހައިފަ އެވެ. ނުވަތަ އެފަދަ "ވަސްގަދަ" ތަޖުރިބާއެއްކޮށްފަ އެވެ.

އެހެންވީމަ، އެންމެފުރަތަމަ މި ވާހަކަ މަތިންދާބޯޓުގެ ބޭރުން ފަށަމާ ހިނގާށެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް ފޮނޑިއާ ނިކަން ރައްޓެހި ބައެކެވެ. ދިރާސާތަކުން ދައްކާ ގޮތުން 24 ގަޑިއިރުގެ ތެރޭގައި އާންމުކޮށް ކޮންމެ މީހަކު ވެސް 10 ފޮޑި ޖަހަ އެވެ. ނުވަތަ ނޭނގި ނަމަވެސް މި އަދަދަށް ވާސިލުވެވެ އެވެ.

އެއީ އެއް ލީޓަރުގެ ގޭހެވެ. ހަށިގަނޑުގައި މި ގޭސްތައް އުފައްދަނީ ރަނގަޅަށް ހަޖަމު ނުވާ ކާނާ އާއި ބެކްޓީރިއާ އެވެ. ވަސްގަދަ ނައިޓްރޯޖެން އާއި ކާބަންޑައިއޮކްސައިޑް އާއި ހައިޑްރޯޖެން އަދި އެންމެ ނުބައި ވަސް ދުއްވާ ސަލްފިއުރަސްގެ މާއްދާތައް ވެސް އުފައްދަނީ ބެކްޓީރިއާ އެވެ.

އާންމު ދިރިއުޅުމުގައި ޖެހޭ ފޮޑިތައް ސިއްރުކުރުގެ ގާބިލުކަން އަހަރެމެންނަށް ލިބިފައިވިޔަސް މަތިންދާބޯޓް ތެރޭގައި މި ދެންނެވި ފޮޑި ހިފެހެއްޓުމުގެ ގާބިލުކަމެއް ގިނަ މީހުންނަކަށް ނުލިބެ އެވެ.

މިވާ ގޮތް ބުނެދޭނީ މަތިންދާބޯޓްގައި ފޮޑިޖެހޭ މައްސަލަ ނިކަން ރަނގަޅަށް ދިރާސާކުރައްވާފައިވާ ޑެންމާކުގެ ޑޮކްޓަރެއް ކަމަށްވާ ޖޭކޮބް ރޯޒެންބާގް އެވެ.

މިކަން ދިރާސާކުރުމަށް އޭނާގެ ޝައުގުވެރިކަން ދަމައިގަތީ އެއްފަހަރަކު މަތިންދާބޯޓަކުން ކުރި ދަތުރެއްގައި އަމިއްލަ އަށް ކުރެވުނު ތަޖުރިބާއަކާ ގުޅިގެންނެވެ. ދަތުރުމަތީގައި އޭނާގެ ބަނޑު ކުއްލިއަކަށް ފުފުނީ އެވެ. ވީގޮތް އޭނާ އަށް ފަހުމުވީ، ދަބަސް ހުޅުވާލިތަނުން ފުޅިއަކަށް ވެފައި އޮތް ގޮތް ފެނުމުންނެވެ.

އޭނާގެ ދަބަސް ތެރޭގައި އޮތް ހުސްފުޅި އޮތީ ފުފިގެން ގޮސް ފާޑަކަށް އޭގެ ސިފަ ގެއްލިފަ އެވެ.

ރޯޒެންބާގް ބުނަނީ މަތިންދާބޯޓު ތެރޭގައި ފޮޑި ނުހިފެހެއްޓެނީ މަތިންދާބޯޓު، މަތިން ދަތުރުކުރަމުންދާއިރު ބޯޓު ތެރޭގައި ޕްރެޝާ ދަށްކޮށްލާތީ ކަމަށެވެ. ޕްރެޝާ ދަށްވެގެން ދިއުމުން، ބަނޑުތެރޭގައި ހުންނަ ގޭސްތަކަށް ވެސް އިތުރު ޖާގަ ބޭނުންވެ އެވެ.

މިއީ މަތިންދާބޯޓުގައި ފޮޑި ހިފަހައްޓަން އުނދަގޫވާ މައިގަނޑު ސަބަބެވެ. ރޯޒެންބާގް ބުނަނީ "ދުނިޔޭގެ ލަދަށް" މަތިންދާބޯޓުގައި ފޮޑި ނުޖަހަން މަސައްކަތްކުރުމަކީ ސިއްހީގޮތުން ނުރައްކަލެއްގެ ތެރެއަށް ވެސް ވެއްޓިދާނެ ކަމެއް ކަމަށެވެ.

"ޒުވާން އަދި ސިއްހަތު ރަނގަޅު މީހެއް ނަމަ މައްސަލައެއް ނެތް މަތިންދާބޯޓު ތެރޭގައި ފޮޑި ނުޖަހައި ހިފަހައްޓަން މަސައްކަތްކުރިޔަސް. އެކަމަކު އުމުރުން މައްޗަށް ގޮސްފައިވާ މީހަކު މިކަހަލަ ގޮތަކަށް އުޅެން ހަދައިފި ނަމަ ހިތުގެ މައްސަލައެއް ކުއްލިއަކަށް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ރޯޒެންބާގް ބުނެފައިވެ އެވެ.

މަތިންދާބޯޓު ތެރޭގައި ފޮޑިޖަހަން ލަދުގަންނާނެ ކަމެއް ނެތެވެ. އެންމެ ގިނައިން ފޮޑި ޖަހަނީ ކޮން ބައެއްކަން އެނގޭ ހެއްޔެވެ؟ އެންމެ ރީއްޗަށް ހެދުން އަޅައިގެން ތިބޭ ޕައިލެޓުންނެވެ.

 

ދިރާސާތަކުން ދައްކާ ގޮތުން އާދައިގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވުރެ ފޮޑިޖަހާ ޕައިލެޓުންގެ ނިސްބަތް 60 ޕަސެންޓަށް އަރަ އެވެ.

ފޮޑިޖެހުން ބުއްދިވެރި ނޫނީ ޖައްވު ތެރޭގަ އެވެ. ފޮޑިއެއްގެ ސަބަބުން އަލިފާން ބޯޅައެއް އުފެދިދާނެ ކަމުގެ އިންޒާރު 1969 ވަނަ އަހަރުގެ ދިރާސާއަކުން ދީފައިވެ އެވެ. ނަމަވެސް މިފަދަ ނުރައްކާތެރި ހާދިސާއެއް މިހާތަނަށް ހިނގާފައި ނެތްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ކޮންމެއަކަސް މަތިންދާބޯޓެއްގެ ތެރޭގައި ފޮޑި ޖެހުމަކުން މިފަދަ ބިރުވެރިކަމެއް ނެތެވެ. އެންމެ ބޮޑު ވަރަކަށް ވެސް ހަޖަމުކޮށްލަން ޖެހެނީ ފޮޑިއާ އެކު މޫނު މައްޗަށް ވެރިވާ ލަދުވެތިކަމުގެ ކުލަވަރެވެ.

މީގެ އިތުރުން ވެސް ފޮޑި ކޮންޓްރޯލްކުރުމަށް މަތިންދާބޯޓުތަކުން އެހެން ކަހަލަ ފިޔަވަޅުތައް ވެސް އަޅާފައި ހުންނަކަން ފާހަގަކޮށްލެވެ އެވެ. އާންމުކޮށް ކާން ދޭނީ ފައިބާ މަދު ކާނާ އެވެ. ކާބޯހައިޑްރޭޓްސް ގިނަ ކާނާ އެވެ.

މިގޮތަށް ކާން ދިނުމުން ހަޖަމުކުރަން ފަސޭހަވެގެންދެ އެވެ.

މިވަރުން ވެސް ހިތްހަމަނުޖެހޭ ފަރާތްތަކަށް ހާއްސަކޮށްގެން އެމެރިކާ އިން ހާއްސަ ޖަންގިޔާއެއް ވެސް އުފައްދާފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ. ޗާކޯލްގެ މާއްދާތައް ހިމެނޭ ޖަންގިޔާތަކެއް ތައާރަފްކޮށްފައިވާއިރު މިއީ ފޮޑީގެ ނުބައި ވަސްގަނޑު 100 ޕަސެންޓަށް ނައްތާލެވޭހާ މޮޅު ޖަނގިޔަލެކެވެ.

 

ދެން އެހެން ވާހަކައެކެވެ. ދިރާސާތަކުން ދައްކާ ގޮތުން އެންމެ ގިނައިން ފޮޑި ޖަހަނީ އަންހެނުންނެވެ. ފޮޑިޖަހާ ކަމަށް ފިރިހެނުން މަޝްހޫރަސް ގިނައިން ގޭސް ބޭރުކުރަނީ އަންހެނުންނެވެ. މިއީ ޖިންސީ ފުރައްސާރައެއް ކުރަން ބުނި ވާހަކައެއް ނޫނެވެ. 

މަހާއި ބަތާއި ކިރުގެ ބާވަތްތަކާއި މޭވާގެ ފަންޏަކީ ވެސް ގޭހާ ދުރުކޮށްދޭ ރަހަތަކެވެ. މިއީ ކާލީމަ ނުވަތަ ބޯލީމަ ބާކީވާ އެއްޗެހި މަދު ކާބޯތަކެއްޗަށް ވާތީ އެވެ.

އެހެންވީމަ މިހާ ހިސާބުން، ފޮޑީގެ މި ސިލްސިލާ ނިމުމަކަށް އައީ އެވެ. ނަމަވެސް އޭގެ ކުރިން އެއްކަލަ ޖޯކު އަދި އެބައޮތެވެ.

ހަމަ، ކުރިން ވެސް ދެންނެވި ދަތުރުގެ އެޕިސޯޑެކެވެ. ފްލައިޓް ހުޅުލޭގެ ރަންވޭ އަށް ޖައްސާލުމާ އެކު އެންމެން ވެސް އަވަސް ވެގަތީ އެމީހެއްގެ ހޭންޑް ލަގެޖު ނެގުމަށެވެ. އޭރު ވެސް އަޅުގަނޑުމެންގެ އަނެއް އެކުވެރިޔާ މި އޮތީ ގަދަ ނިދީގަ އެވެ.