ހަބަރު

ރައީސް ޔާމީން ނުބާލުވާ އިންތިހާބަކަށް ދިޔުމަކީ ބޮޑު ގޯހެއް: އަމީން

ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުނުކޮށް ރިޔާސީ އިންތިހާބަކަށް ދިޔުމަކީ ހެދޭނެ ބޮޑު ގޯހެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ގެންދަވާ އަމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުން އެއް ކެނޑިޑޭޓަކު ނުނެރެވޭނެ ކަމަށް ރައީސް ޔާމީން ޓީމް ބުނަމުން އަންނަނީ އެމަނިކުފާނު ރައީސް ކަމުން ދުރު ކުރުމަށް ރައްޔިތުން ކުރާ މަސައްކަތުގެ މިސްރާބު ބަދަލުކޮށް ގުޅިފައިވާ ޕާޓީތަކަށް ކެމްޕެއިން ނެރެން ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ބޭލުމަށް ފަހު ނޫނީ އިންތިހާބަށް ދިޔުމަށް ގިނަ ބަޔަކު ނޭދޭ ކަމަށާއި މި ހާލަތުގައި ރައީސް ޔާމީންއާ އެކު އިންތިހާބަކަށް ދިޔުމަކީ ބޮޑު ގޯހެއް ކަމަށް އަމީން ވިދާޅުވި އެވެ.

އަމީން ކުރެއްވި ޓްވީޓު -

ރައީސް ޔާމީން ވެރިކަމުން ނުބާލުވާ އިންތިހާބަށް ދާން ބޭނުން ނުވާ ކަމަށް އަމީން ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ބޭރުގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވަނީ އެއްގޮތަކީ އިންތިހާބުގެ ކުރިން ރައީސް ޔާމީން ބޭލުވުން ކަމަށާއި ނަމަވެސް އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ރައީސް ޔާމީންއަށް ވެސް އިންތިހާބާ ހަމަޔަށް އާދެވެން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު ދާދި ފަހުން ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވަނީ އިދިކޮޅުން އެއް ކެނޑިޑޭޓެއް ނެރެން އެއްބަސްވާ ކަމަށާއި ރައީސް ޔަމީން ބަލި ކުރެއްވޭނެ ކަމަށެވެ.