ހަބަރު

ލ. ގަމުގައި މޫދަށް އެރި އުޅުނު ދުވަސްވީ މީހަކު މަރުވެއްޖެ

ލ. އަތޮޅުގައި އުމުރުން ދުވަސްވީ މީހަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެއްޖެ އެވެ.

"އަވަސް"އާ ވާހަކަދައްކަވަމުން ގަމު ކައުންސިލް މެންބަރު އިސްމާއިލް ޒަކީ ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ދުވަސްވީ މީހަކު އެ ރަށު ފަޅު ތެރެއަށް މަސް ހިފަން ގޮސް އުޅުނު ކަމަށާއި މީހުންނަށް އޭނާ ފެނުނީ ގެނބިފައި އޮއްވާ ކަމަށެވެ. ނަމަވެސް އެއީ ފުން ސަރަހައްދެއް ނޫން ކަމަށާއި އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ޒަކީ ވިދާޅުވި އެވެ.

"އޭނާ އޮތީ ފުން ތަނެއްގައެއް ނޫން، އިސްކޮޅު ޖެހޭ ހިސާބެއް އެއީ ނަމަވެސް ފެނުނީ ގެނބިގެން މަރުވެފައި އޮއްވާ،" އޭނާ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ މަރުވި މީހާގެ އުމުރުން މިހާރު ގާތްގަނޑަކަށް 72 އަހަރު ވެދާނެ ކަމަށެވެ. ނަމަވެސް އޭނައާ ބެހޭ މާބޮޑު ތަފްސީލެއް ނޭނގޭ ކަމަސް ޒަކީ ވިދާޅުވި އެވެ. އަދި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.