ހަބަރު

ލަންކާގެ މަސްބޯޓެއްގައި އޮތް ބަލިމީހަކު ފަރުވާއަށް ކުޅުދުއްފުއްޓަށް ގެންގޮސްފި

Apr 15, 2018
1

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ވެރޮން ޕުތާ 2" ނަމަކަށް ކިޔާ ސްރީލަންކާ މަސް ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު އަވަސް ފަރުވާއަށް ހދ ކުޅުދުއްފުއްޓަށް ގެންގޮސްފި އެވެ.

މަހަށް ނިކުމެ އުޅެނިކޮށް ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން ހާލު ބޮޑުވެފައިވަނީ 47 އަހަރުގެ ލަންކާ މީހެކެވެ. ދިވެހި ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށުން އެމީހާ ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މަހައް ނިކުމެ އުޅުނު ލަންކާ މަސްބޯޓެއްގައި ދަތުރުކުރި މީހެއްގެ ސިއްހަތު ގޯސްވެ ހާލުބޮޑުވި ކަމުގެ މައުލޫމާތެއް އިއްޔެ މެންދުރެއް ހާއިރު ސްރީލަންކަން ނޭވީ ހެޑްކްއާޓަރުން އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދިން ކަމަށެވެ. އެއާ ގުޅިގެން ކުޅުދުއްފުށި ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކާއެކު ކޯސްޓްގާޑުގެ ޓީމަކުން އެމީހާއަށް އެހީތެރިވުމުގެ މަސައްކަތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ކޯސްޓްގާޑް ލޯންޗުގައި އެމީހާ ކުޅުދުއްފުއްޓަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ.