ހަބަރު

އާ ދެ ޕާޓީ އުފައްދަން އީސީ އިން ހުއްދައެއް ނުދިން

މުޅިން އާ ދެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މި މަހުގެ ތެރޭގައި ހުށަހެޅި ދެ ފަރާތައް ވެސް ޕާޓީ އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީ އިން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ބުނެފައިވާ ގޮތުން މުޅިން އާ ދެ ޕާޓީއެއް އުފައްދަން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ފަރާތަކަށް ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެ ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވައިދަށް ރިއާޔަތްކޮށް ޕާޓީ އުފައްދަން ހުށަހެޅި ދެ ފަރާތްތައް ވެސް ހުއްދަ ނުދޭން އީސީ އިން ނިންމާފައިވާ ކަމަށެވެ.

ޕާޓީތަކަށް ހުއްދަ ނުދޭން ނިންމި ސަބަބު ބަޔާންކޯށް އީސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު "ދަ ގްރޭޓް ގްރީން ކަނެކްޝަން"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ފަރާތަކީ ސިޔާސީ ޕާޓީތަކުގެ ގަވައިދުގައިވާ ފަދައިން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމުގެ ޝަރުތު ފުރިހަމަ ނުވާ ފަރާތެއް ކަމަށެވެ. އަދި ޕާޓީ އުފައްދަން ހުށަހަޅާފައިވާ ފޯމްތަކާއެކު ގަވައިދުގައި ބަޔާން ކުރާ ކުށުގެ ރެކޯޑުވެސް ހުށަހަޅާފައި ނުވާ ކަމަށާއި އެހެންކަމުން ޕާޓީ އުފެއްދުމުގެ ހުއްދަ އެ ފަރާތައް ނުދޭން ނިންމާފައިވާ ކަމަށެވެ.

ޕާޓީ އުފެއްދުމަށް ދެން ހުށަހަޅާފައި ވަނީ "މޯލްޑިވިއަން ރިޕަބްލިކަން ޕާޓީ"ގެ ނަމުގައި ކަމަށާއި ނަމަވެސް އެ ނަމަކީ މީގެ ކުރިން ޖުމްހޫރީ ޕާޓީއަށް އިނގިރޭސި ބަހުން މުހާތަބު ކުރާ ނަން ކަމުގައިވާ "ރިޕަބްލިކަން ޕާޓީ"އާ ގާތް ކުރާ ނަމެއް ކަމުގައިވާތީ އެ ނަން ގަބޫލު ނުކުރާ ކަމަށް އީސީގެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިން ރަޖިސްޓްރީ ކުރެވިފައިވާ ސިޔާސީ ޕާޓީއެއްގެ ފުށު އަރާފާނެތީ އެ ފަރާތައް ވެސް ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ދެ ޕާޓީ އުފައްދަން އީސީ އަށް ހުށަހަޅާފައި ވަނީ ރިޔާސީ އިންތިހާބަށް ފަސް މަހަށްވެފައި ވަނިކޮށެވެ. އީސީ އިން ބުނެފައި ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންތިހާބު ފަށާނެ ކަމަށެވެ.