ހަބަރު

އީސީ މިނިވަނެއްނޫން، އެއްބާރުލުމެއް ނުދޭނަން: ޕާޓީތައް

އިލެކްޝަން ކޮމިޝަން (އީސީ) އިން މަސައްކަތްކުރަނީ މިނިވަންކަމާ އެކުގައި ނޫން ކަމަށާއި ކޮމިޝަނުން ކުރާ މަސައްކަތްތައް ބަަލައިނުގަނެވޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ނުދޭ ކަމަށް އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުން މިއަދު ބުނެފި އެވެ.

މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ނައިބު ލީޑަރު މުހައްމަދު ސަމީރު ވިދާޅުވީ އީސީން ދައްކަމުން ގެންދަނީ ގާނޫނުގައި ނެތް ކަންތައްތަކެއްގެ ވާހަކަ ކަމަށާއި ސިޔާސީ ޕާޓީތަކުން އަމަލުކުރަން ޖެހޭނީ ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ކަމަށެވެ.

" އިލެކްޝަން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭކަން . އަަޅުގަނޑުމެން ހަތަރުޕާޓީއަށް ވެސް ގަބޫލުނުކުރެވޭކަން އަދި ރާއްޖޭގެ ގިނަ ރައްޔިތުންނަަށް ވެސް އެކަން ގަބޫލުނުކުރެވޭކަން،" ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީސީއަކީ މިނިވަންކަމާ އެކު މަސައްކަތްކުރާ ކޮމިޝަނެއް ކަން ގަބޫލުކުރައްވަނީ ހަމަ އެކަނި ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުލް ގައްޔޫމު ކަމަށެވެ.

އީސީ މިނިވަން ކަމަށް ގަބޫލުނުކުރެއްވޭ ސަބަބުތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސަމީރު ތުހުމަތުކުރެއްވީ ޕާޓީތައް ހިންގާނެ ފަރާތްތައް އެކޮމިޝަނާއި ރައީސް ޔާމީނު ކަނޑައަޅުއްވާ ގޮތަށް ހަދަން އީސީން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ ހިސާރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހަކުން އެގޮތަށް ފާސްކުރިޔަސް ޕާޓީތަކުން އެކަން ގަބޫލުނުކުރާނެ ކަމަށެވެ.

މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނަކަމަށް ކޮމިޝަނުން ބުނުމާއި ސިޔާަސީ ޕާޓީތަކުގެ ކަންތައްތައް ކަނޑައަޅަން މަސައްކަތްކުރުމަކީ ވެސް ޕާޓީތަކުން ކަންބޮޑުވާކަމެއް ކަމަށް ސަމީރު ވިދާޅުވިއެވެ.

" އެތަނުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތަކަށް ބަލާއިރު އަދި އެބޭފުޅުން އަމަލުކުރަމުން ދިޔަ ގޮތާއި އިއްޔެއާ ހަމައަށް އެބޭފުޅުން ތިއްބެވި ގޮތާއި އަދި އެބޭފުޅުން މަގާމުތަކަށް އައި ގޮތާއި މަޖިލީހުގެ ޑިއު ޕްރޮސެސްގެ ތެރެއިން އެކަން ނުކުރާ ކަމާއި އަދި ހަމައެއާ އެކުގައި އެކޮމިޝަނަށް ވަޑައިގަތުމަށް އަމަލުކުރަން ޖެހޭ އުސޫލުތަކަށް އަމަލުކުރަމުން ނުދާކަން. އެހެންވީމާ މިފަދަ ގޮތަކަށް ތިއްބެވި ބޭފުޅުން އަދި އެކޮމިޝަނުގެ ރައީސް ކަމުގައި ވީނަމަވެސް އަދި މެމްބަރުންކަމުގައި ވީނަމަވެސް މިއަދު އެތިއްބަވާ ބޭފުޅުންނަކީ މިމިވަން މުސްތަގިއްލު ބޭފުޅުން ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ސަމީރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހު މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އީސީ މިނިވަން ކަމަށް ގަބޫލުކުރެއްވޭނީ ބައެއް މުހިއްމު ކަންތައްތައް ކޮށްގެން ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑިގެއްލިއްޖެ ކަމަށް ކޮމިޝަނުން ކުރިން ނިންމާފައިވާ ނިންމުން ބަދަ،ލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" އިހުލާސްތެރިކަން ހުރިކަން ދައްކަވަން ބޭނުންފުޅުވާ ނަމަ ޝަރީފު ކުރައްވަންވީ ކަމަކީ ސިޔާސީ ޕާޓީތަކުގެ ތެރެއަށް އަތް ނުބާނުއްވައި ތިޔަ ކޮމިޝަނުން ޣައިރުގާނޫނީ ނިންމުންތައް އިދާދަކޮށްދެއްވަންވީ،" އޭނާ ވިދާޅުވިއެވެ.