ހަބަރު

ސިޔާދުގެ މައްސަލަ ބައްލަވާ ގާޒީ ކުއްލިއަކަށް ބަދަލުކޮށްފި

Apr 15, 2018
2

ގާސިމްގެ ދަރިކަލުން އަދި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ކުރިން އެންގުމެއް ވެސް ނެތި މިއަދު ކުއްލިއަކަށް ބަދަލުކޮށްފައިވާ ކަމަށް އޭނާގެ ދިފާއީ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ދެވަނަ އިބްތިދާއީ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ، ކުރިން އެންގުމެއް ނެތި މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައި ވާތީ، އިޖުރާއީ މައްސަލައެއް ނަންގަވައިފަ އެވެ. އެކަމާ ގުޅިގެން ކޯޓުން ވަނީ އެ ނުގުތާ ބަލައިގަނެ، މިއަދުގެ ޝަރީއަތް ކުރިއަށް ނުގެންގޮސް ހުއްޓާލައިފަ އެވެ.

ސިޔާދުގެ މައްސަލައިގައި މީގެ ކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބެއްލެވީ، ކްރިމިނަލް ކޯޓްގެ ގާޒީ ހުސެން ޝަހީދު އެވެ. އެހެން ނަމަވެސް ސިޔާދުގެ މައްސަލަ މިއަދު ބައްލަވަން އިންނެވީ، މި ފަހުން ސިޔާސީ މީހުންގެ މައްސަލަތައް ބައްލަވާ، ގާޒީ އަހުމަދު ހައިލަމް އެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމަށް ފަހު ކޯޓުން ނިކުމެ ވަޑައިގެން ސިޔާދުގެ ދިފާއީ ވަކީލް، ހިސާން ހުސެން ވިދާޅުވީ، މައްސަލަ ބައްލަވާ ފަނޑިޔާރު އެއްވެސް ސަބަބަކާ ހުރެ، ބަދަލުކޮށްފި ނަމަ އެ މައްސަލަ ރައްދުވާ ދެ ފަރާތަށް ވެސް ލިޔުމުން އަންގަން ވާނެ ކަމަށް ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި އޮންނަ ކަމަށާއި އެހެން ނަމަވެސް ގާޒީ ބަދަލުވިކަން ސިޔާދުއަށް އަންގާފައި ނެތް ކަމަށެވެ. އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އެ ނުގުތާ ބަލައިގަނެ، އިޖުރާއަތުގެ ދަށުން ޝަރީއަތް ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަށް މިއަދުގެ ޝަރީއަތް ކުރިއަށް ނުގެންގޮސް ހުއްޓާލީ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ސިޔާދާ ގުޅޭ ގޮތުން ބުނީ ޗުޑީޝިއަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިން ދިރިއުޅޭގެ ބަލާފާސްކުރުމުގެ ތެރޭގައި ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑްގެ ލެޓާ ހެޑްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށްފައިވާ 20 ޑިސެމްބަރު 2017 ގެ ތާރީހުގައި ލިޔެފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އެ ސިޓީގެ އިބާރާތަށް ބަލާއިރު، ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާއި އަދި އެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކުން ބޭރު ގައުމަކުން ގަނެފައިވާ ޕްރޮޕަޓީތަކަށް ފައިސާ ދެއްކުމަށްޓަކައި 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެނގެން އޮންނަ ކަމަށެވެ.

ވިލާ ޝިޕިންގް އެންޑް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ލިޔުމުގައިވާ ސޮޔަކީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިބްރާހިމް ސިޔާދު ގާސިމްގެ ސޮއި ކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާއިރު، މި ލިޔުމުން އިބްރާހިމް ސިޔާދު ގާސިމްގެ އިނގިލީގެ ނިޝާންވެސް ހޯދި، އެކަން ފޮރެންސިކް ތަހުލީލުން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ބުންޏެވެ. މީގެ އިތުރުން އިބްރާހިމް ސިޔާދު ގާސިމްގެ ފޯނުން އެ ލިޔުމުގެ ފޮޓޯއަކާއި، އެ ލިޔުމުގައިވާ މައުލޫމާތުތައް ހިމެނޭ ނޯޓެއް ވެސް ފެނިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ސިޔާދުގެ އިތުރުން ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތްވެސް ވަނީ ފަށާފަ އެވެ. އަދި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒް ފޯރުވުމުގެ ޝަރީއަތް މިދިޔަ ހަފްތާ ފަށާފައިވާއިރު އެ ޝަރީއަތް ވަނީ ސިއްރުކޮށްފަ އެވެ.