ހަބަރު

ކުޅުދުއްފުށީގައި އެމްއެންޔޫ އިން ޑިގްރީ އާ ކޯސްތަކެއް ފަށަނީ

Apr 15, 2018

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ ޖޫންމަހު ކުޅުދުއްފުށީގައި ޑިގްރީ ފެންވަރުގެ އާ ކޯސްތަކެއް ފަށަން ނިންމައި ކޯސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ޔުނިވަސިޓީގެ ކެމްޕަހުގައި މީގެ ކުރިން ޑިގްރީ ކޯސްތައް ހިންގާފަައިވެ އެވެ. މާސްޓާ ކޯސްތަކެއް ވެސް ހިންގަ އެވެ.

ޖޫންމަހު ޑިގްރީއަށް އަލަށް ހުޅުވާލަނީ ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީއާއި ބެޗްލާ އޮފް ނާސިންގެ އިތުރުން ބެޗްލާ އޮފް ޓީޗިން ސްޕެޝަލް އެޑިއުކޭޝަން އިންނެވެ.

އެމްއެންޔޫއިން ބުނީ، ދެވަނަ ސެމެސްޓާގައި ކުޅުދުއްފުށީ ކެމްޕަހުގައި ހިންގަން ހުޅުވާލި ކޯސްތަކުން 680 ދަރިވަރުންނަށް ޖާގަ ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތަފާތު ފެކަލްޓީތަކުގެ 25 ކޯހަށް ޖާގަ ހުޅުވާލާފައިވެ އެވެ.

ޖޫން މަހު ފަށާ ކޯސްތަކަށް ވަނުމަށް އެދޭ ފޯމް މިއަދު ދޫކުރަން ފަށާފައިވާއިރު ޖާގަ ދޭން ނިންމާފައިވަނީ ފޯމް ލާ ތަރުތީބުންނެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި މިހާރުވެސް 400 އެއްހާ ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.