ދުނިޔެ

އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ހުއްޓާލައިފި

މިސައިލާއި ނިއުކްލިއަ ޓެސްޓްތައް ކުރުން މިއަދުން ފެށިގެން ހުއްޓާލާނެ ކަން އެގައުމުން އިއުލާނުކޮށްފިއެވެ.

މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއަ ޓެސްޓްކުރުން ހުއްޓާލާކަން އިއްޔެގައި އިއުލާނުކުރީ އުތުރުކޮރެއާ ސަރުކާރުގެ ނިއުސް އެޖެންސީ ކޭސީއެންއޭ އިންނެވެ. އޭގެ އިތުރުން ނިއުކްލިއަ ޓެސްޓްތައް ކުރާ ސައިޓެއް ބަންދުވެސްކޮށްފައިވާކަން އެ އެޖެންސީން ހާމަކުރިއެވެ.

ޓެސްޓްކުރުން ހުއްޓާލައި ސައިޓް ބަންދުކުރި ސަބަބާ ބެހޭ ގޮތުން އުތުރުކޮރެއާ ލީޑަރު ކިމްޖޮންއުން ވިދާޅުވީ އެއީ " ގައުމުގެ ނިއުކްލިއަ ގާބިލުކަމުގެ ކަށަވަރުކަން ލިބުމުން" ކަމަށެވެ.

ނިއުކްލިއަ ޓެސްޓްތައް ކުރުން ހުއްޓައިލިކަން އުތުރުކޮރެއާއިން ކުއްލި ގޮތަކަށް އިއުލާނުކޮށްފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން އާ ބައްދަލުކުރައްވަން ކިމް ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވާ ވަގުތެއްގައެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިންއާ ކިމް ބައްދަލުކުރައްވާނީ އަންނަ ހަފުތާގައެވެ. އެމެރިކާގެ ރައީސް ޓްރަމްޕާ ބައްދަލުކުރައްވާނީ އަންނަ ޖޫންމަހުއެވެ.

އެމެރިކާއާއި ދެކުނު ކޮރެއާއިން ވެސް އުތުރުކޮރެއާއަށް ބާރުއަޅަމުން އަންނަނީ ނިއުކްލިއަ މަޝްރޫއު ދޫކޮށްލުމަށެވެ.

"މިއީ އުތުރުކޮރެއާއަށް އަދި ދުނިޔެއަށް ވެސް ވަރަށް ރަނގަޅު ހަބަރެެއް. ބޮޑު ކުރިއެެރުމެއް،" އުތުރުކޮރެއާއިން ނިއުކްލިއަ ޓެސްޓްތައް ކުރުން ހުއްޓައިލިކަން އިއުލާނުކުރުމުން ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޓެސްޓްތައް ހުއްޓާލީ ކީއްވެ؟

އުތުރުކޮރެއާ ސަރުކާރުގެ ނިއުސް އެޖެންސީ ކޭަސީއެންއޭއިން ބުނީ މިސައިލާައި ނިއުކްލިއަ ޓެސްޓްތައް ކުރުން ހުއްޓާލަން ނިންމީ ވެރިކަން ކުރާ ކޮމިއުނިސްޓްޕާޓީގެ ސެންޓްރަލް ކޮމިޓީން ހުކުރު ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ.

ކިމް ވިދާޅުވި ކަމަށް އެ އެޖެންސީން ބުނީ " ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ ގާބިލުކަން ހާސިލުވެފައި ވާތީ ޓެސްޓްކުރުމުގެ ބޭނުމެއް މިހާރަކުނެތް " ކަމަށެވެ،،

" އުތުރުކޮރެއާގެ ޓެސްޓް ސައިޓުން ވަނީ އެތަނުގެ މިޝަން ފުރިހަމަކޮށްފައި،" ކިމް ވިދާޅުވި ކަމަށް ކޭސީއެންއޭއިން ބުންޏެވެ.

މަޝްރަހު ދިރާސާ ކުރައްވާ ބޭފުޅުންނާ ހަވާލާދީ ބީބީސީ ބުނީ ހަ ޓެސްޓްކުރުމަށް ފަހު އިތުރަށް ޓެސްޓް ކުރުމުގެ ބޭނުމެއް ހަގީގަތުގައި ވެސް އުތުރުކޮރެއާއަށް ނޯންނާނެ ކަމަށެވެ. ފާހަގަކޮށްލެވޭ އަނެއް ކަމަކީ ޓެސްޓްކުރުން ހުއްޓާލާކަން އިއުލާނު ކުރިޔަސް، މިހައިތަނަށް އުފައްދާފައިވާ ހަތިޔާރާ ބެހޭ ގޮތުން އުތުރުުން އެއްޗެއް ނުބުނާ ކަމެވެ.