ދުނިޔެ

ލައިބީރިއާ ހަނގުރާމައިގެ ބޮޑެއް އެމެރިކާގައި ޖަލަށް ލައިފި

ލައިބީިރިއާގައި 14 އަހަރުވަންދެން ހިނގި އަހުލީ ހަނގުރާމައިގައި އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާއެއް ހިންގުމުގަައި ބޮޑަކަށް އުޅުނު މީހަކު އެމެރިކާގައި 30 އަހަރަށް ޖަލަށް ލައިފިއެވެ. ނަމަވެސް އޭނާ ޖަލަށްލީ ހަނގުރާމައިގައި ހިންގި ޖަރީމާތަކުގެ މައްސަލައިގައެއް ނޫނެވެ.

ބީބީސީ ބުނީ " ޖަންގަލް ޖައްބާ" ގެ ނަމުން ލައިބީރިއާގައި މަޝްހޫރުވެފައިވާ މީހާ 30 އަހަރު ދުވަހަށް ޖަލަށްލާން އެމެރިކާގެ ކޯޓަކުން ހުކުމް ކުރީ އެގައުމަށް ހިޖުރަކުރުމުގައި ދޮގުހަދައި އޮޅުވައިލިކަމުގެ ކުށް ސާބިތުވެގެންނެވެ. ޖައްބާ އެމެރިކާއަށް ހިޖުރަކުރި އިރު އޭނާ ބުނެފައި ވަނީ އޭނާއަކީ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ މީހެއް ނޫން ކަމަށެވެ.

ނަމަވެސް އޭނާއާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދިން މީހުން ބުނީ އޭނާގެ އަމުރަށް އޭނާގެ ދަށުން މަސަައްކަތްކުރި ޖަމާއަތުން މީހުން މެރުމާއި އިތްފަތްފޭރުމާއި ގުނަވަަަންތައް ބުރިކުރުމާއި މިނިމަސް ކެއުން ފަދަ އަމަލުތައް ހިންގި ކަމަށެވެ، އެގޮތުން މަރައިލި ބައެއް މީހުންގެ ހިތް ނަގައި އެމީހުންގެ އަނބިން ލައްވާ ކެއްކުވި ކަމަށް ވެސް ހެކި ބަސްދިން މީހުން ވަނީ ބުނެފައެވެ.

ޖަންގަލް ޖައްބާ އެމެެރިކާއަށް ހިޖުރަކުރީ 1990 ގެ އަހަރުތަކުގައެވެ. އޭގެ ފަހުން އޭނާ ދިރިއުޅެމުން އައީ އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓުގެ އެންމެ ބޮޑު ޝަހަރުކަމަށްވާ ފިލަޑެލްފިއާގައި ލައިބީރިއާ މީހުން ދިރިއުޅޭ ސަރަހައްދެއްގައެވެ. އެމެރިކާ ފުލުހުން އޭނާ ހައްޔަރުކުރީ 2016 ވަނަ އަހަރުއެވެ.

ޖަންގަލް ޖައްބާ ޖަލަށް ލުމުން އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ. އެޖަމާއަތުން ބުނީ ހަނގުރާމައިގައި ހިންގި ޖަރީމާތަކުގެ މައްސަލައިގައި ނޫން ކަމަށް ވިޔަސް އޭނާއަށް އަދަބު ލިބުމަކީ ރަނގަޅެއް ކަމަށެވެ. ހަނގުރާމައިގައި ހިންގި ޖަރީމާތައް ބެލުމަށް ކޯޓެއް ގާއިމްކުރަން އެޖަމާއަތުން ލައިބީރިއާއަށް ގޮވައިލިއެވެ.

ލައިބީރިއާގެ އަހުލީ ހަނގުރާމަ 14 އަހަރަށް ދެމިގެން ދިޔަ އިރު އެހަނގުރާމައިގައި 25000 އަށް ވުރެ ގިނަމީހުން މަރުވިއެވެ.