ކުޅިވަރު

ވެލެންސިއާ ރެލިގޭޓް ވެދާނެ ކަމުގެބިރު

ގައުމީ ޓީމުގެ ކުޅުންތެރިޔަކު ދިމާ ވެގެން އަޅުގަނޑު ގާތު އަހާލީ ވެލެންސިއާ މިވަނީ ކިހިނެއް ހެއްޔޭ؟ "ވެލެންސިއާ އަށް މިހެން ވާކަށް ފުޓްބޯޅައަށް ލޯބިކުރާ އެއްވެސް މީހަކު ބޭނުމެއް ނުވާނެ، އެ ވަރިހަމަ ކޮންމެ ޓީމަކަށް ސަޕޯޓް ކުރިޔަސް،" އޭނާ ބުންޏެވެ. ދެން އޭނާ ބުނި މިހެންނެވެ. "ވެލެންސިއާ ރެލިގޭޓް ވެއްޖެއްޔާ އެންމެން ހިތާމަ ކުރާނެ."

ވެލެންސިއާ ރެލިގޭޓް ނުވެ ސަލާމަތް ވާނެ ހެއްޔެވެ؟ މިއީ އެންމެ ކުރާ ސުވާލެވެ. މާލޭ ލީގްގެ ފުރަތަމަ ބުރުގައި ވެލެންސިއާ އަށް ބާކީ އެއް މެޗު އެބައޮތެވެ. އަދި އެއް ބުރު އެއްކޮށް އޮތީ އެވެ. މިހާ އަވަހަށް ރެލިގޭޓް ވުމުގެ ވާހަކަ އެންމެން މި ދައްކަނީ ލީގް ތާވަލުގައި އޮތް ހާލަތުންނެވެ. ތާވާލުގެ އެންމެ ފުލުގައި ވެލެންސިއާ އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ.

ބާކީ އޮތީ ވެލެންސިއާގެ ކުރީގެ އެންމެ ވާދަ ވެރިޔާ ނިއުރޭޑިއަންޓާ ދެކޮޅަށް އޮތް މެޗެވެ. ވެލެންސިއާގެ ފެންވަރާ ބަލާއިރު ނިއު ރޭޑިއަންޓް އޮތީ މާ މަތީގަ އެވެ. މި އަހަރު މާލޭ ލީގާއި ދެ ވަނަ ޑިވިޝަނަށް ގެނެވުނު ބަދަލުން، މާލޭ ލީގްގެ އެންމެ ފުލަށް ދާ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެ އެވެ. ފުރަތަމަ ޑިވިޝަނަށް އަންނާނީ، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމެވެ.

ވެލެންސިއާ މިފަހަރުގެ ސިޒަނަށް ކުރިމަތިލީ ވޭތުވެދިޔަ ތިން އަހަރު އޮތް ކޯޗިން ޓީމު ބަދަލު ކޮށްގެނެނެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓަށް ކާމިޔާބު ހޯދައިދިން ސޮބާހް މުހައްމަދު ވެލެންސިއާ ހަވާލުވެ، ގްރީންގައި ދެއްކި ޖާދޫ ވެލެންސިއާގައި ނުދެއްކުނެވެ. މިދިޔަ އަހަރު މާލޭ ލީގްގައި ގްރީން ނިންމާލީ ޗެމްޕިއަންކަން ހޯދި މާޒިޔާ އާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްގެން ތާވަލުގެ ދެ ވަނައިގަ އެވެ. މާޒިޔާ އަށް ކުރި ލިބުނީ ގޯލްގެ ތަފާތުން ކުރީގައި އޮތުމުންނެވެ.

ވެލެންސިއާ އަށް މިވީ ކިހިނެއް؟

ވޭތުވެދިޔަ ނުވަ އަހަރުންވެސް ވެލެންސިއާ އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އެންމެ ފުރަތަމަ ކަމަކީ މިސް މެނޭޖްމެންޓެވެ. އާދަޔާ ހިލާފު ގޮތަކަށް 2008 ވަނަ އަހަރު ދިވެހި ލީގް ޗެމްޕިއަންކަން ވެލެންސިއާ ހޯދިއިރުވެސް އެޓީމުގެ މެނޭޖްމެންޓްގައިވެސް މައްސަލަތައް ހުއްޓެވެ.

ވެލެންސިއާ އަރި އަޅާލީ 2009 ވަނަ އަހަރު އެވެ. ކުލަބު އެހާ ބޮޑަށް އަރިއަލާއިލައިގެން ދިޔައީ މިސްމެނޭޖެމެންޓްގެ ސަބަބުންނެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ މައްސަލަތައް ވޭތުވެދިޔަ އަހަރުތަކުގައި ފެންމަތިވި އެވެ. އެ ކުލަބަށް ކުޅުނު ބައެއް ކުޅުންތެރިން ކުލަބު ދޫކޮށްލިއިރު އެ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދެއްވި ހުއްޓެވެ. އެ ކުޅުންތެރިންނަށް މިއަހަރު އެ ކުލަބުން އަލުން ހުށަހެޅުމުން ދާން ބޭނުން ނުވީ ކުރިން ދޭން ޖެހިފައި ހުރި މުސާރައިގެ ކަންކަން މުޅިން ހައްލު ނުވެ އޮތުމުންނެވެ.

މިދިޔަ އަހަރުގެ މާލޭ ލީގްގައިވެސް އެ ޓީމު ނިންމާލަން ޖެހުނީ ތާވަލުގެ ފަހަތުގައި އޮވެގެންނެވެ. ދެ ވަނަ ޑިވިޝަނުން އައި ދެ ޓީމު ކަމަށްވާ ކުލަބު ޒެފްރޯލް އާއި ކުޑަ ހެންވޭރު ޔުނައިޓަޑް ކޮލިފިކޭޝަން ބުރުގައި ބައިވެރި ނުވާން ނިންމުމުން މާލޭ ލީގަށް ފަހު އެ ކުލަބަށް ސީޒަން ނިމުނެވެ.

އެއީ ލިބުނު ރަނގަޅު ވަގުތެއް:

މާލޭ ލީގް ނިމުމުން ވެލެންސިއާގެ އިތުރުން މަޝްހޫރު ބައެއް ކުލަބުތަކަށްވެސް އެހާތަނުން ސީޒަން ނިމުނެވެ. އެ ކުލަބުތަކުގެ ކުޅުންތެރިން، ކުލަބުގެ ކޮންޓްރެކްޓުން ވީއްލުނެވެ. ވަގުތީ ގޮތުން ބައެއް ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވި ނަމަވެސް މުހިންމު ބައެއް ކުޅުންތެރިން ވަކި ޓީމަކާ ނުގުޅެ އެވެ. ކުލަބު ތަކުން ވީއްލުނު ކުޅުންތެރިންނާ އެހާހިސާބުން ވާހަކަ ދައްކައި އެއްބަސްވުމަކަށް ދެވުނުނަމަ ވެލެންސިއާއަށް ރަނގަޅު ޓީމެއް ހެދުމުގެ ފުރުސަތު ލިބުނީ ހެވެ.

ޓީމު ތައްޔާރުވާން ފެށީ މާލަހުން:

މި އަހަރު ސީޒަނަށް އެންމެ ފަހުން ތައްޔާރުވާން ފެށި ޓީމަކީ ވެލެންސިއާ އެވެ. ކުޅުންތެރިން ލައްވައި ސޮއި ކުރަވަން ފެށީވެސް އެހެން ކުލަބުތައް ޕްރެކްޓިސް ފެށި ފަހުންނެވެ. ވެލެންސިއާގެ ބޯޑުގައި ނެތް ނަމަވެސް ކުރީގެ މެނޭޖަރު އާބާދު ސަލީމު ފަރުދާގެ ފުރަގަހުން މަސައްކަތް ކުރި އެވެ. ބިދޭސީ ކުޅުންތެރިންނަށް ޓީމާ ގުޅުނީވެސް ފުރަތަމަ މެޗު ކުޅެން ކައިރިވެފައި ވަނިކޮށެވެ. ޓީމުގެ ކޯޗް ސޮބާހް މުހައްމަދު އޭރު ބުނީ ޔޫރަޕްގެ ފިނި ހިސާބަކުން ރާއްޖެ އައުމުން އެ ކުޅުންތެރިން މާހައުލަށް ހޭނިލަން ވަގުތު ބޭނުންވާ ކަމަށެވެ.

މި އަހަރު މުސާރައިގެ މައްސަލައެއް ނެތް، ދެން ކޮން މައްސަލައެއް:

ސޮބާ ބުނީ، ވެލެންސިއާގެ މިފަހަރު މިހެން ދިމާވުމުގައި މުސާރައިގެ މައްސަލަ ދިމާ ނުވާ ކަމަށެވެ.

"އަޅުގަނޑު މި ހަވާލުވީ މި އަހަރު އަދި ހަމަގައިމުވެސް މުސާރައިގެ މައްސަލައެއް ދިމާ ނުވޭ ކުޅުންތެރިންނަށް ދޭންވާ މުސާރަ ބަރާބަރަށް ދެމުން ދަނީ،" ސޮބާ ބުންޏެވެ. ދެން ދިމާވެގެން މި އުޅެނީ ކޮން މައްސަލައެއް ހެއްޔެވެ.

"ކުޅުންތެރިންނަށް ބިލީވް ނުކުރެވޭ، އެކުޅުންތެރިންނަށް ވާނެ ކަމަކަށް، ކުޅުންތެރިންގެ މެންޓަލް މައްސަލައެއް މި އުޅެނީ، ދަނޑަށް އަރާފަ މާ ފަސޭހައިން ކުޅުންތެރިންނަށް ދޫކޮށްލެވެނީ، އާދައިގެ މިސްޓޭކަކުން ފުރަތަމަ ދެ ގޯލް ވަނީމަ ދެން ކަމްބެކެ ހަދަން އުނދަގޫ ވާނެ."

ސޮބާ އަށް ބޮޑު ޗެލެންޖެއް

ސޮބާ ބުނީ ވެލެންސިއާ އޭނާ ހަވާލުވީ ވެލެންސިއާގެ ހާލަތު ބަދަލު ކުރަން ފަސޭހަ ނުވާނެކަން ދަނެގެން ކަމަށެވެ. އަދި އޭނާ އަކީ އަބަދުވެސް ޗެލެންޖު ނަގައިގެން މަސައްކަތް ކުރަން ބޭނުންވާ މީހެއްކަން އޭނާ ފާހަގަ ކުރި އެވެ. އޭނާ ބުނީ ވެލެންސިއާ ހަވާލުވުމުގެ ކުރިން ދެ ވަނަ ޑިވިޝަންގެ ބައެއް ކުލަބުތަކުންވެސް އޭނާ އަށް ހުށަހެޅުންތައް އައި ކަމަށެވެ.

"ނަމަވެސް ވެލެންސިއާ އާ ހަވާލުވީ ޗެލެންޖެއް ނެގުމުގެ ގޮތުން، އަޅުގަނޑު އަމިއްލައަށްވެސް ކަލްކިއުލޭޝަން ހަދާލިން އޭރުވެސް އެނގޭ މީ ފަސޭހަ ކަމަކަށް ނުވާނެކަން،" ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ސޮބާ ބުންޏެވެ.

"ގަދަ ހައެއްގެ ފުރުސަތު އަދިވެސް ގެއްލުނީކީ ނޫން، އަދި އެބައޮތް އަށް މެޗު، ކުޅުންތެރިންނާއި ކޯޗިން ސްޓާފުން އެއްވިސްނުމެއްގައި މަސައްކަތް ކޮށްފިއްޔާ، ގަދަ ހައެއްގެ ތެރެއަށް ވަދެވޭނެ، އަދިވެސް އެބައޮތް މި ލީގްގައި އެއް ބުރު އެއްކޮށް."

ސޮބާއަށް އެޅުނު ރަނގަޅު ނޫން ފިޔަވަޅަކީ ބިދޭސީ ކީޕަރެއް ގެނައުމެވެ. އޭގެ ބަދަލުގައި ދިވެހި ކީޕަރެއް ހޯދައި ފީލްޑްތެރެއަށް ހަތަރު ބިދޭސީ ކުޅުންތެރިން ގެނެވުނު ނަމަ ހާލަތު މި އަށްވުރެ ރަނގަޅު ކުރެވުނީހެވެ. ޓީމު އިތުރަށް ވަރުގަދަވެސް ވީހެވެ.