ކުޅިވަރު

ނިއު ބޮޑު މެޗަކަށް، ފުޓްބޯޅަ އާއިލާގެ އެހީ ބޭނޫން

އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީއާ ދެކޮޅަށް މިއަދު ނިކުންނަ މެޗުގައި ދިވެހި ސަޕޯޓަރުންގެ އެހީ ބޭނުންވާ ކަމަށް ނިއުރޭޑިއަންޓުން ބުނެފި އެވެ.

ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ބުނީ ދިވެހި ފުޓްބޯޅައަށް ސަޕޯޓްކުރާ ހުރިހާ އެންމެންގެ ސަޕޯޓް އެ ކުލަބުން ބޭނުންވާ ކަމަށެވެ.

"(މިއަދު) ދަނޑަށް މި ނިކުންނަނީ ދެކުނު އޭޝިއާގެ އެންމެ މޮޅެތި ކުޅުންތެރިން، މެޗުން ފެންނާނެ ހުރިހާ ކަމެއް ދަނޑުމަތިން ފެންނާނެ، އަހަރެން ބޭނުން މިޑިއާގެ އެހީތެރިކަންވެސް، ފުޓްބޯޅައަށް ސަޕޯޓް ކުރާ ދިވެހި ހުރިހާ ރައްޔިތުން ދަނޑަށް ހާޒިރު ވުމަކީ އަހަރެމެން ވަރަށް ބޭނުންވާ ކަމެއް،" ބުރުޒޮން ބުންޏެވެ.

"މިއީ ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ދެ ޓީމު، އެންމެ ވަރުގަދަ ކުޅުންތެރިން ހިމެނޭ ދެ ޓީމު، ވަރުގަދަ ކުރިމަތި ލުމަކަށް ވެގެންދާނެ، އަހަރެން ބޭނުން ހުރިހާ އެންމެންގެ ސަމާލުކަން، ހަމައެކަނި ނިއުރޭޑިއަންޓްގެ ސަޕޯޓަރުންނެއް ނޫން، މުޅި ދިވެހި ފުޓްބޯޅައިގެ ހުރިހާ އެންމެންގެ އެހީތެރިކަން އަހަރެމެންން ބޭނުން، ސަބަބަކީ (މިއަދު) ގެ މެޗުގައި ރީތި ފުޓްބޯޅައެއްވެސް ފެންނާނެ."

އޭނާ ބުނީ ބެންގަލޫރުގައި ކުޅުނު މެޗު ރަނގަޅަށް އެނަލިސް ކޮށް ނިއުއިން އޮތީ ހުރިހާ އޭންގަލަކުން މެޗަށް ތައްޔާރު ވެގެން ކަމަށެވެ. ބުރުޒޮން ބުނީ ބެންގަލޫރަކީ ފޭވަރިޓެއް ނޫން ކަމަށާއި ބެންގަލޫރު ފޭވަރިޓެއް ކަމަށް ބުނާ މީހުން އެހެން ބުނަނީ އެޓީމުގެ މުއްސަނަދި ކަމާށާއި ރާއްޖޭގެ އާބާދީ އަށްވުރެ އިންޑިއާގެ އާބާދީ އެތައް ގުނައެއް ބޮޑު ކަމުން ކަމަށެވެ.

ނިއުގެ ވައިސް ކެޕްޓަން އަކުރަމް އަބްދުލް ގަނީ ބުނީ، ދިވެހި ސަޕޯޓަރުންގެ އެހިއާއެކު ބެންގަލޫރާ ދެކޮޅަށް ނިއު އަށް ތާރީހް ބަދަލު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު އެދެން ދިވެހި ފުޓްބޮޅައިގެ ހުރިހާ ސަޕޯޓަރުން އައިސް އަޅުގަނޑުމެންނަށް ސަޕޯޓް ކޮށްދިނުން، އެއީ ކުލަބެއްގެ ގޮތުގައި ނިކުތަސް މި ނިކުންނަނީ ގައުމު ތަމްސީލު ކުރަން ހުރިހާ ބޭފުޅުންވެސް ދަނޑަށް ވަޑައިގެން އަޅުގަނޑުމެންނަށް ސަޕޯޓްކޮށް ދެއްވާށެ، އިރާދަ ކުރެއވިއްޔާ (މިއަދު) ގެ މެޗުގައި ހިސްޓްރީ ބަދަލުކޮށްގެން އަޅުގަނޑުމެން ފައިބާނީ."

ނިއު އާ ބެންގަލޫރު ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅޭ މެޗު ފަށާނީ ހަވީރު 4:00 ގަ އެވެ.