ހަބަރު

މޫދަށް ފޭބި މީހާގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެ

މާލެ އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގެ މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. އޮޅުހަލީގައި ތަރައްގީ ކުރަމުންދާ ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފެށީ ރޭ 8:30 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ އޭނާގެ ހަށިގަނޑު ސިފައިންގެ ޑައިވަރުންނަށް ފެނިފައިވަ ކަމަށާއި އޭނާ ފެނުނީ ހަތް މީޓަރު އަޑިން ކަމަށެވެ. އަދި އެނާގެ ހަށިގަނޑު މިއަދު ހެނދުނު 9:10 ހާއިރު މާލެ ގެނެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ބަންގްލަދޭޝް މީހާ މޫދަށް ފައިބާފައި ވަނީ އޭނާގެ ފައިވާން މޫދަށް ވެއްޓުމުން ފައިވާން ނެގުމަށް ކަމަށާއި އޭނާއަށް ފަތާކަށް ނޭނގޭ ކަމަށް އެމްއެންޑީއެފް އިން ކުރިން ރޭ ބުނެފައިވެ އެވެ.

މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދި އިރު އައްޑޫ ސިޓީ ހިތަދޫ އިން މޫދަށް އެރުން ދެ ކުދިން ހޯދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އެ ދެ ކުދިންގެ ހަބަރެއް ނުވެ އެވެ. އަދި މިރޭ އިރު އޮއްސުނު ވަގުތު ހުޅުމާލޭގެ މޫދަށް އެރުނު މީހަކު ވަނީ ގެނބިގެން މަރުވެފައެވެ.