ހަބަރު

އޮފީހެއްގެ ތިޖޫރީ ފަޅާލަން އުޅުން ދެ މީހަކު އަތުލައިގެންފި

Apr 26, 2018

ހުޅުމާލޭގައި ހުންނަ ކުންފުންޏެއްގެ އޮފީހަކަށް ވަގަށް ވަދެ، އެ އޮފީހުގެ ތިޖޫރި ހަލާކުކޮށްލައިގެން ވައްކަން ކުރަން އުޅުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ވައްކަމުގެ މައްސަލަތައް އިތުރުވާތީ ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް ރޭ މެންދަމު 03:10 ހާއިރު ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހުންނަ އޮފީހަކަށް ދިޔައިރު، ތިޖޫރި ހަލާކު
ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އެ ދެ މީހުން އެވަގުތު ތިބި ތަނުން ތިޖޫރި ހަލާކުކޮށްލުމަށްޓަކައި ބޭނުންކުރަމުންދިޔަ ބައެއް އާލާތްތައްވެސް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.