ހަބަރު

ގޭ ބަންދަށް ބަދަލު ކުރި ދެ ފުލުހަކުން އަނބުރާ ޖަލަށް ގެންގޮސްފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ބައިތިއްބުމަށް ފަހު މިދިޔަ އަނގާރަ ދުވަހު ގޭ ބަންދަށް ބަދަލު ކުރި ދެ ކުރީގެ އެސްއޯ ފުލުހަކު އަލުން އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

ގޭބަންދަށް ބަދަލު ކުރުމަށް ފަހު އަލުން ޖަލަށް ގެންދިޔައީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓާ ފާއިޒު މުހައްމަދު އެވެ. އެ ދެ މީހުންގެ ވަކީލު ސަފާ ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިޒް އާއި ސައިފް ޖަލަށް ގެންގޮސްފައިވަނީ ފުލުހުންނަށް ލިބުނު އިންޓަލް ރިޕޯޓަކާ ގުޅިގެން ކަމަށެވެ. އަދި އެ ރިޕޯޓާ ގުޅޭ މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައި ނުވާ ކަމަށާއި އޭގެ ސަބަބުން އެކަމުން ބަރީއަ ވެވޭނެ ގޮތެއް ވެސް ނުލިބޭ ކަމަށް ސަފާ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ފާއިޒް އާއި ސައިފްގެ އިތުރުން ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާން ވެސް ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

އެ މީހުންގެ މައްޗަށް ތުހުމަތު ކުރަނީ އިތުރު ބަޔަކާއި ބައިވެރިވެގެން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ގާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާމެދު އިތުބާރު ގެއްލުވާލަން އުޅުނުކަމުގެ ތުހުމަތެވެ.