ހަބަރު

ރިޔާޒްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް: އިދިކޮޅު

Apr 26, 2018
2

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ރިޔާޒްގެ މައްޗަށް ރާއްޖޭގެ ހައިކޯޓުން ހިންހާފައިވަނީ އަދުލުވެރި އިންސާފްވެރި ޝަރީއަތެއް ކަމަށް ގަބޫލުކުރެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށާއި ހައިކޯޓުން ކޮށްފައިވާ ހުކުމަކީ ސިޔާސީ ކުލަ ޖެހިފައިވާ ހުކުމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

ފުލުހުންގެ ތަހުގީގަށް ރިޔާޒްގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައި، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ހައިކޯޓުން ވަނީ އިއްވާފަ އެވެ.

ރިޔާޒަށް ކުރި ހުކުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ރިޔާޒްގެ މައްޗައް ކުރިމިނަލް ކޯޓް އިން ސާބިތު ނުވާކަމަށް ނިންމާފައިވާ މައްސަލައެއް، ރައީސް އަބްދުﷲ ޔާމީންގެ ބާރާނުފޫޒު ބޭނުން ކޮށްގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކޯޓުތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފަނޑިޔާރުން ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އަދި އަދުލުވެރިކަމުގެ ނަމުގައި ހިންގާ އަނިޔާވެރި ޝަރީއަތްތަކުގެ ސަބަބުން ގައުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އެތަކެއް ދިވެހި ދަރީންނަކަށް ނުހައްގުން ދެމުންދާ އަނިޔާގެ ފުރިހަމަ ޒިންމާ އެފަރާތްތަކުން އުފުލަން ޖެހޭނެކަމަށް ވެސް ބަޔާނުގައި ވެއެވެ.

"އަދުލް އިންސާފުގެ ނިޒާމްގެ ހަމަތަކާއި އުސޫލުތަކުން ބޭރުވެ، ހިންގަމުންދާ ސިޔާސީ ޝަރީއަތްތައް ހުއްޓާލުމަށާއި، އިސްތިއުނާފުގެ މަރުހަލާގެ ކޯޓް ތަކުން އަމަލު ކުރުމަށް، ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ އިމުގެ ތެރޭގައި އިންސާފުވެރި އަދުލުވެރި ޝަރީއަތްތައް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ ހިންގުމަށް ރާއްޖޭގެ ޖުޑިޝަރީއަށް އިލްތިމާސް ކުރަން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ރިޔާޒްގެ މައްޗަށް ހިންގާފައިވަނީ ސިޔާސީ ޝަރީއަތެއްކަން ޝައްކެއްނެތް މިންވަރަށް ފެނި ހާމަވާ ސަބަބަކީ އިސްތިއުނާފުގެ މަރުހަލާގެ ކޯޓްތަކުން އާންމުކޮށް އަމަލުކުރަމުންދާ އުސޫލްތަކުން ބޭރުން އަމަލުކޮށް އެކަށީގެންވާ މިންވަރަށް ދިފާއުގައި މަސައްކަތް ކުރުމަށް ރިޔާޒްގެ ގާނޫނީ ވަކީލުންނަށް ފުރުސަތު ނުދިނުން ކަމަށެވެ. އަދި އިސްތިއުނާފުކުރި މައްސަލަނޫން މުޅީން އާ މައްސަލައެއް އުފަންކޮށް، ކުރިމިނަލް ކޯޓުން ސާބިތުނުވާކަމަށް ނިންމި މައްސަލަ ނޫން އެހެން މައްސަލައެއްގައި ރިޔާޒްގެ މައްޗަށް ހުކުމް ކުރެވިގެން ދިޔަކަމީ ސިޔާސީ ޝަރީއަތެއްކަން ހާމަވާ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ، ބާތިލް އިންޓެލިޖެންސް ރިޕޯޓްތައް ހަދައިގެން ސިޔާސީ މީހުންގެ މިނިވަންކަން ނަގާލާ ޖަލުގައި އަނިޔާވެރިކޮށް ގެންގުޅެމުންދަނީ ރައީސް ޔާމީންގެ ވެރިކަން ދިފާއުކޮށްދިނުމަށް ގާނޫނާއި ހިލާފަށް އެހީތެރިވަމުންދާ މަދު ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންގެ ސަބަބުން ކަމަށެވެ. އެފަދަ ފަރާތްތަކުގެ ކިބައިން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަކީ މިއަދު އެންމެހާ ރައްޔިތުންގެ މައްޗަށް އޮތް ގާނޫނީ އަދި ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި އެންމެހާ ރައްޔިތުން އެކުގައި މަސައްކަތްކޮށްގެން ރައީސް ޔާމީން ގެ އަނިޔާވެރި ވެރިކަން ގާނޫނީ އިމުގެތެރެއިން ނިންމުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ދާނެކަމަށްވެސް ބަޔާނުގައި ވެއެވެ.