ހަބަރު

ރައީސް ނާސިރުގެ ކުރީގެ އަނބިކަނބަލުން އަވަހާރަވެއްޖެ

Apr 26, 2018
5

ރައީސް އިބްރާހިމް ނާސިރުގެ ކުރީގެ އަނބިކަނބަލެއް ކަމަށްވާ، މަރިޔަމް ސައީދު މިއަދު އަވަހާރަވެއްޖެ އެވެ. މަރިޔަމް ސައީދަކީ ސޮލާހުއްދީންގެ ބޭފުޅެކެވެ. އެކަމަނާ އަވަހާރަވީ 86 އަހަރުފުޅުގަ އެވެ.

އެކަމަނާ އަވަހާރަވީ އަވަށްޓެރި ސްރީލަންކާގަ އެވެ. އަވަހާރަވުމުގެ ދޮޅު މަހެއްހާދުވަސް ކުރިން އެކަމަނާއަށް ސްޓްރޯކެއް ޖެހުނު ކަމަށް އާއިލާއިން ބުންޏެވެ. އަދި އަވަހާރަވީ އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން ސިއްހީ ހާލުކޮޅު ގޯސްވެގެން އެވެ.

މަރިޔަމް ސައީދަކީ ރައީސް އިބްރާހިމް ނާސިރުގެ ދެވަނަ އަނބިކަނބަލުންނެވެ. ރައީސް ނާސިރާއި އެކަމަނާއަށް ދެ ބޭފުޅުން ލިބިލެއްވި އެވެ. އެއީ އަލީ ނާސިރާއި މުހައްމަދު ނާސިރެވެ.

މަރިޔަމް ސައީދަކީ، ކުޅަދާނަ ޝާއިރެކެވެ. އެކަމަނާ ވަނީ ރީތި ޅެންތަކެއް ހައްދަވައިފަ އެވެ.