ހަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ އަނެއްކާވެސް ދަށަށް

ދުނިޔޭގެ ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރަކު އެކުލަވާލާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ މިއަހަރު ވެސް ތިން ދަރަޖަ ދަށަށް ހިނގައްޖެ އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އޮތީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ހަމަނުޖެހުމާއި ހަނގުރާމަތައް ހިނގަމުންދާ އަފްޣާނިސްތާނަށް ވުރެ ވެސް ފަހަތުގައި 120 ވަނައިގައެވެ. އަފްޣާނިސްތާނު އޮތީ 117 ވަނައިގައެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި އަފްޣާނަށް ވުރެ ދަށުގައި ރާއްޖެ އޮތް ނަމަވެސް ސަރަހައްދުގެ ގިނަ ގައުމުތައް އޮތީ ރާއްޖެއަށް ވުރެ މާ ފަހަތުގަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާ 138 ވަނައިގައި އޮތް އިރު އަވަށްޓެރި ޕާކިސްތާނު އޮތީ އެއަށް ވުރެ ފަހަތުގައި 139 ވަނައިގަ އެވެ. ސްރީލަންކާ 131 ވަނައިގައި އޮތް އިރު ބަންގްލަދޭޝް އޮތީ 146 ވަނައިގަ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރީގައި އޮތީ ބޫޓާނެވެ. އެގައުމު އޮތީ 94 ވަނައިގައެވެ. ނޭޕާލް އޮތީ 106 ވަނައިގަ އެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގެ އެއްވަނައިގައި އޮތީ ނޯވޭ އެވެ. އެ އިންޑެކްސްގެ ގަދަ 10 ގައި އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކެއް ނުހިމެނެ އެެވެ.