ދުނިޔެ

އިންްޑިއާއިން ހުރިހާ އަވަށްތަކަށް ކަރަންޓްދީ ނިންމާލައިފި

އިންޑިއާގައި ކަރަންޓް ނެތި ހުރި ހުރިހާ އަވަށްތަކަށް ކަރަންދީ ނިމިއްޖެކަން އެގައުމުގެ ސަރުކާރުން އިއުލާނުކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ މިއަދު ވިދާޅުވީ އެގައުމުގެ އިރުއުތުރުގައިވާ އެކަހެރި އަވަށަކަށް ރޭގައި ކަރަންޓް ދީފައިވާ ކަމަށާއި އެއީ އެގައުމުގައި އެންމެ ފަހަށް ކަރަންޓް ނުލިބި އޮތް އަވަށް ކަމަށެވެ. މޯދީ ވިދާޅުވީ އެންމެ ފަހު އަވަށް ކަރަންޓް ގްރިޑާ ގުޅައިލި ދުވަހަކީ އިންޑިއާގެ ތަރައްގީގެ މަގުގައި ތާރީހީ ދުވަހެއް ކަމަށެވެ.

" އެ ވައުދެއްގެ ސަބަބުން އިންޑިއާގެ އެތައް ރައްޔިތުންނެއްގެ ހަޔާތް މުޅިން ބަދަލުވެގެންދާ ފަދަ ވައުދެއް އަޅުގަނޑުމެން އިއްޔެގައި ފުއްދައިފިން،" މިއަދު ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ މައުލޫމާތުތައް ބުނާ ގޮތުގައި އެގައުމުގައި ބޯހިމަނާ 597464 އަވަށަށް ވެސް މިހާރު ކަރަންޓް ލިބެއެވެ. ބާރަތިޔާ ޖަނަތާ ޕާޓީ ( ބީޖޭޕީ)އިން 2014 ވަނަ އަހަރު އިންތިހާބު ކާމިޔާބުކޮށް މޯދީ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި އިރު އެގަައުމުގެ 18452 އަށް ކަރަންޓްގެ ހިދުމަތް އަދި އޮތީ ނުލިބިއެވެ.

އިންޑިއާ ސަރުކާރުން ބުނީ ހުރިހާ އަވަށެއް ކަރަންޓް ވިއުގައާ ގުޅައިލެވިފައި މިވަނީ ބޮޑުވަޒީރު މޯދީ ވައުދުވެވަޑައިގެންނެވި ތާރީހުގެ 12 ދުވަސް ކުރިން ކަމަށެވެ.

އިންޑިއާގެ ހުރިހާ އަވަށެއް ގުޅުވައިލިޔަސް އޭގެ މާނައަކީ އެގައުމުގެ ހުރިހާ ރައްޔިތުންނަށް ކަރަންޓް ލިބުމެއް ނޫނެވެ. އޭޝިއާގެ ތިންވަނައަށް އެންމެ ބޮޑު އިގުތިސާދު އޮންނަ އިންޑިއާއަކީ ކަރަންޓްގެ މައްސަލަ ވަރަށް ބޮޑު ގައުމެކެވެ. ގިނަގިނައިން ކަރަންޓް ދާތީ ހޮސްޕިޓަލްފަދަ ތަންތަ ހިންގުމަަށް ބެކަޕް ޖަނަރޭޓަރުތައް ގިނައިން ބޭނުންކުރަން ޖެހުމަކީ އެގައުމުގައި އާއްމު ކަމެކެވެ.