ދައުލަތުގެ ލިޔެކިޔުންތައް ބަދަލު ކުރުމަށް ގާއިމުކޮށްފައިވާ ނެޓްވޯކް ކަމަށްވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހިދުމަތް މެދުކަނޑާލި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުކުރުމަށް މާދަމާ ހެކި ބަސް ނެގުމަށް ތާވަލުކޮށްފި އެވެ.
މައްސަލާގެ އަޑުއެހުމެއް މާދަމާ ހެނދުނަށް ތާވަލުކޮށްފައިވާއިރު އެއީ މި މައްސަލާގެ ތިންވަނަ އަޑުއެހުމެވެ. މީގެކުރިން އިބްތިދާއީ ދެ އަޑުއެހުމެއް ކުރިއަށް ގެންދިޔަ އެވެ. އެންމެފަހުން ބޭއްވި އިބްތިދާއީ އަޑުއެހުމުގައި މައްސަލާގެ ޝަރީއަތް ހިންގަން ވަނީ ނިންމާފަ އެވެ.
އެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ، ދެން އޮންނަ އަޑުއެހުމަކީ ދައުލަތުގެ ހެކީންގެ ހެކި ބަސް ނެގުމަށް ބާއްވާ އަޑުއެހުމެއް ކަމަށެވެ. އެކަމަށް ދެ އަޑުއެހުމެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭގެފަހުން ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ބޭއްވުމަށްފަހު ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. މައްސަލަ އަވަހަށް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި މައްސަލާގައި ދައުލަތުން އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހަޅާފައިވަނީ ތިން ސިއްރު ހެއްކެކެވެ. އެގޮތުން ސިއްރު ހެކި އެކަކަށް ސުޕްރީމް ކޯޓުން ގުޅައި ޖެމްސް ކަނޑާލުމަށް އެންގި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
ސިއްރު ހެކިވެރިޔާ ދެޔަކަށް އުއްތަމަ ފަނޑިޔާރު ޖެމްސް މެދުކަނޑާލަން އެންގި ކަމަށާއި އެ އެންގުމާ އެއްގޮތަށް ކަމާ ބެހޭ މުވައްޒަފުންނަށް އެކަން އޭނާ އެންގި ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ސިއްރު ހެކިވެރިޔާ ތިނެއް ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަޔާ ވޯލް ޑައުންވެފައި ހުރުމުން އެކަން އެ ކޯޓުގެ ސަމާލު ކަމަށް ގެނައުމުން އެ ކޯޓުގެ އިންފޮމޭޝަން ޓެކްނޮލޮޖީގައި އުޅޭ އަހުމަދު ހަލީލު ފަޔާ ވޯލްގައި މައްސަލައެއް ނޫޅޭ ކަމާއި ގަސްދުގައި ޑައުންކޮށްފައިވަނީ ކަމަށް ބުނެފައިވާކަން ސާބިތުކުރުމަށެވެ.
ހެކީގެ ގޮތުގައި އަހުމަދު ހަލީމް ވެސް ހުށަހެޅި އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ޖެމްސް ކެނޑިފައިހުރުމުން ނޭޝަނަލް އިންފޮމޭޝަން ޓެކްނޮލޮޖީއިން ސުޕްރީމް ކޯޓަށް ފޮނުވި ލިޔުންތަކެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅި އެވެ.
ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުން މާދަމާގެ އަޑުއެހުމުގައި އޮންނާނެއިރު އުއްތަމަ ފަނޑިޔާރުގެ ފަރާތުން ދިފާއުގައި ހުށަހަޅާ ހެކިންގެ ނަންތައް ހުށަހަޅަން ވެސް މާދަމާ ފުރުސަތު ދެއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
އުއްތަމަ ފަނޑިޔާރު ވަނީ މި ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އެކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ އެއީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ރިޕޯޓް އެއްވެސް ފަރާތުން އެމަނިކުފާނަށް ކުރައްވާފައިނުވާ ކަމަށެވެ. އަދި އެއީ އުއްތަމަ ފަނޑިޔާރު ބަލާނެ ކަމެއް ވެސް ނޫން ކަމަށާއި އެކަމަށް ސުޕްރީމް ކޯޓުގައި ކޯޕަރޭޓިވް މެނޭޖްމެންޓްގެ މުވައްޒަފުން ތިބޭނެ ކަމަށެވެ.
ޖެމްސް މައްސަލާގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އަޑުއެހުމެއް ވެސް މާދަމާއަށް ވަނީ ތާވަލުކޮށްފަ އެވެ. އެއީ ސިއްރުން ކުރިއަށް ގެންދާ ޝަރީއަތެކެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް ވެސް މާދަމާ ހެނދުނަށް ވަނީ ތާވަލުކޮށްފަ އެވެ.