ސިއްހަތު

ފުރިހަމަ ހަނދުން ނިންޖަށް ހުރަސްއެޅޭ

ފުރިހަމަ ހަނދު ފެނުމަކީ ބޮޑު އުފަލެކެވެ. އެކަމުގައި ހަގެއް ދޮށްޓެއް ، އަންހެނެއް ފިރިހެނެއް ތަފާތެއް ނެތެވެ. މިހަގީގަތާ އެކުގައިމެ ، ގޯސް އެތައް ކަމަކާ ވެސް ފުރިހަމަ ހަނދާ ގުޅުވައިގެން އަހަރެމެން ވާހަކަ ދައްކަމުއެވެ. " ހަނދުބޮޑުވީމާ ކުށްގިނަވޭ، ހަނދު ބޮޑުވީމާ މީހުން މޮޔަވޭ،" މިހެން ގޮސް އެތައް ވާހަކައެކެވެ. އެކަމަކު އެހުރިހާ ވާހަކަތަކެއް ކުރިން އޮތީ ފުލޯކް ވާހަކަތަކެއްގެ ގޮތުގައެވެ. ހަމަ ހަގީގަތުގައި ވެސް އެފަދަ ކަންކަމާ ފުރިހަމަ ހަނދާ ގުޅުމެއް ވާ ކަމަށް ގަބޫލުކުރާނީ މަދު ބައެކެވެ.

ފުރިހަމަ ހަނދު ފެންނަ ދުވަސްވަރު ނިންޖަށް މައްސަލަތަކެއް ކުރިމަތިވާކަން ފާހަގަވޭހެއްޔެވެ؟ އެެއީ ކޮފީއާއި ގިނައިން ކެފެއިން އެކުލެވޭ އެހެން ވެސް ބުއިންްތަކުގެ ސަބަބުން ވީ ކަމަކަށް ނުވެދާނެއެވެ.

މިވާހަކައަށް ބާރުލިބޭ ސައިންސްގެ ހޯދުމެއް

" ލޫނާ އިންފްލުއެންސް" ނުވަތަ ހަނދުގެ ނުފޫޒު ކަމަށް ކިއިދާނެ މައްސަލައެއް ސްވިޒަލޭންޑްގެ ސައިންސްވެރިން ވަނީ ހޯއްދަވާފައެވެ. އެބޭފުޅުން އެކަން ހޯއްދެވީ ލެބޯޓްރީ ހާލަތެއްގައި ބަޔަކު ނިންދަވައިގެން ކުރި ދިރާސާއަކުންނެވެ.

ދިރާސާގައި ހިލޭ ސާބަހަށް ބައިވެރިވުމަށް އިސްނެގި 33 މީހަކު ފުރިހަމަ ހަނދު ފެންނަ ރޭތަކުގައި ނިންދެވީ ހަނދު ނުފެންނާނެހެން ބަންދުކޮށްފައިވާ ތަނެއްގައެވެ. އަދި އެމީހުން އެތަނުގައި ނިންދެވީ އެ މަގުސަދުގައިކަން ވެސް އެމީހުންނަށް ނާންގައެވެ. އެކަމަކު އެ ދިރާސާއިން ލިބުނީ މި ނަތީޖާއެވެ.

- ފުރިހަމަ ހަނދުގެ ރޭތަކުގައި ނިދަން އޮށޯތުމުން ނިދޭލެއް އެހެން ރޭތަކަށް ވުރެ ފަސް މިނެޓް ލަސްވޭ
- ނިދޭ ވަގުތުން 20 މިނެޓް މަދުވޭ
- ފުން ނިދީގައި އޮވެވޭ މިންވަރު 30 ޕަސެންޓް މަދުވޭ

ދިރާސާގައި ބައިވެރިވި މީހުންނަށް މިގޮތަށް ދިމާވީ ހަނދުގެ ގަދަ އަލީގެ ސަބަބަކުން ނޫނެވެ. އެހެނީ އެމީހުން ނިދީ މުޅިން އަނދިރިކޮށްފައިވާ ތަނެއްގައެވެ. ކަރެންްޓް ބަޔޮލޮޖީ ނަމަކަށް ކިޔާ މަޖައްލާގައި 2013 ވަނަ އަހަރު ޝާއިއުކުރި ދިރާސާގައި ބުނެފައިވާ ގޮތުގައި އެމީހުންގެ ނިންޖަށް އެ ބަދަލު އައީ ހަނދުގެ ދައުރުވުމުގެ ސައިކަލްއާއި އެމީހުންގެ ހަށިގަނޑުގެ ސައިކަލްއާ ގުޅިފައި ވުމުންނެވެ.

ދިރާސާގައި ބުނެފައިވާ ގޮތުގައި ހަނދުގެ ސައިކަލްް އިން އިންސާނުންގެ ނިންޖަށް އަސަރުކުރެ އެވެ. އެމީހުންނަށް ހަނދު ނުފެނުނަސް މިހެން ދިމާވެ އެވެ. އަދި ހަނދު ފެންނަން ހުރީ ފުރިހަމަކޮށްކަން ނުވަތަ ނޫންކަންް ތިމާއަށް ނޭނގުނަސް ނިއްޖަށް އަސަރު ކުރެ އެވެ. -- ބީބީސީ