ހަބަރު

"ޕީޕީއެމްގެ ރައީސަށް މެޑަމް ފާތުން ހައްދަވަންޖެހޭ"

ޕީޕީއެމަކީ މުޅި ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ރަނގަޅު ބްރޭންޑަކަށް ހެދުމަށް ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ޕީޕީއެމްގެ ޕީޕީއެމް ގެ ނައިބަކަށް ނުވަތަ ރައީސަށް މެޑަމް ފާތުން ހައްދަވަންޖެހޭ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވިދާޅުވެއްޖެ އެވެ.

މިރޭ ފުވައްމުލަކުގައި ކުރިއަށްދާ "އެކަލަސް މިކަލަސް ދެނަސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޕީ ފަޒާދް ވިދާޅުވީ، ރައީސް ޔާމީން 2018 ކެމްޕޭން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ބްރޭންޑަކަށް ބަދަލުވެފައިވާ ކަމަށެވެ. އެކަން އެގޮތަށް ކުރެއްވީ މެޑަމްގެ ބުރަ މަސައްކަތްޕުޅުން ކަމަށާއި ޕީޕީއެމްވެސް އެފަދަ ރަނގަޅު ބްރޭންޑަކަށް ހެދުމުގެ ގާބިލުކަން އެކަމަނާގެ އެބަހުންނެވި ކަމަށެވެ.

"އެކަމަނާ ވަނީ ރައީސް ޔާމީން 2018 މަދު ދުވަސްކޮޅެއްގެ ތެރޭގައި ބްރޭންޑަކަށް ހައްދަވައިދެއްވާފަ. މި ހުރިހާ އެންމެން އެއްބަސްވެވޭގޮތަށް ދަންނަވަން ބޭނުންވަނީ ކަމަނާ އެބަ ޖެހެއޭ ޕީޕީއެމްގެ ލީޑާޝިޕަށް ވަޑައިގަންނަވަން. އެއީ ޕީޕީއެމްއަކީ ވެސް ރައީސް ޔާމީން 2018 ފަދަ ބްރޭންޑަކަށް ހެދުމަށް،" ފަޒާދް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިޖްތިމާއީ މަސައްކަތްތަކެއްގެ ގޮތުގައި ނުކުޅެދޭ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވެފައިތިބި ފަރާތްތައް މުޖުތަމައުގައި ހަވާސާ ވިޔަ ނުދޭން މެޑަމް ކުރައްވާ މަސައްކަތްތައް މިއަދު މުޅި ރާއްޖެ ބަލައިގަންނަ ކަމަށެވެ. އެކަމަނާއަކީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވާ ކަނބަލެއް ކަމަށާއި ޕީޕީއެމްގެ ލީޑާޝިޕަށް މިއަދު ބޭނުންވެފައިވަނީ އެފަދަ ލީޑަރެއް ކަމަށް ވެސް ފަޒާދް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުވައްމުލަކު ރައްޔިތުން އަޒުމް ކަނޑައަޅަންވީ ރިޔާސީ އިންތިހާބު ނިންމާފައި ނަމަވެސް ޕީޕީއެމްގެ އިސް މަގާމަކަށް، މިހާރުވެސް ޕީޕީއެމްގެ ރައީސްގެ މަގާމް އޮތީ ހުސްކޮށް، ރައީސް ނުވަތަ ނައިބު ރައީސްގެ ލެވެލަށް މެޑަމް ފާތިމަތު އިބްރާހިމް އަޅުގަނޑުމެން ހުށަހަޅަން ވާނެ. މިއީ މިއަދު އެންމެން އަޒުމް އާކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ހާލު އަހުވާލު ބަލައި އަޅުގަނޑުމެންނަށް ވާހަކަ ހިއްސާކޮށް އަޅުގަނޑުމެންނާއެކު މަސައްކަތްކުރެވޭނެ މީހުން އަޅުގަނޑުމެންގެ ލީޑާޝިޕުގައި ތިބެން އެބަޖެހޭ،" ފަޒާދް ވިދާޅުވި އެވެ.