ދުނިޔެ

އައިއެސް އިން ކުޑަކުދިންގެ ބޭނުން ހިފަނީ ކިހިނެތް؟

ވަރަށް ފަހުން އިސްލާމިކް ސްޓޭޓް (އައިއެސް) އިން އާންމުކުރި ވީޑިއޯއެއްގައި ދައްކުވައި ދެނީ ކުޑަ ފިރިހެން ކުއްޖަކު މީހެއްގެ ބޮލަށް ބަޑި ޖަހައި މަރާލާ މަންޒަރެވެ. އެ ކުއްޖާ އަށް އިރުޝާދު ދިނުމަށް ނުވަތަ ހިތްވަރު ދިނުމުގެ ގޮތުން އައިއެސްގެ އިސް މެމްބަރަކު ކައިރީގައި މަޑުކޮށްލައިގެން ހުންނަ މަންޒަރު ވެސް ފެނެ އެވެ.

މިއީ އިރާގާއި ސީރިއާގައި ބާރުގަދަކުރަމުން އަންނަ ހަނގުރާމަވެރި ޖަމާއަތް އައިއެސް އިން، އެމީހުންގެ ބާރުގެ ދަށުގައި ތިބި ކުޑަކުދިންގެ ތެރެއިން ބައެއް ކުދިންގެ ބޭނުން ހިފާ ގޮތެވެ. އައިއެސް އިން ދަނީ މި ކުދިންގެ ސިކުނޑިތައް ކަމުން އެމީހުންގެ އަމަލާއި ސިފައިން ހަނގުރާމަވެރިންނަށް ބަދަލުކޮށް އައިއެސްގެ ފިކުރު ދަމަހައްޓާނެ ނުވަތަ އެ ފިކުރަށް ލޭ އޮހޮރުވާނެ ޒުވާން ޖީލެއްގެ ލަޝްކަރެއް އުފައްދަމުންނެވެ.

އައިއެސް އިން ކުޑަކުދިން، ހަނގުރާމަވެރިންގެ ގޮތުގައި ތަމްރީނުކުރަމުން އަންނައިރު އޭގެ ތެރޭގައި ގިނައީ އައިއެސްގެ ބާރުގެ ދަށަށް ގެންދާ ސަރަހައްދުތަކުން ނުވަތަ އަވަށްތަކުން ވަގަށް ނަގާފައިވާ ކުދިންނާއި މި ޖަމާއަތާ ގުޅުމަށް ދުނިޔޭގެ އެކި ހިސާބުތަކުން ސީރިއާ އާއި އިރާގަށް ދާ ހަނގުރާމަވެރިންގެ އަމިއްލަ ދަރިންނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުން ހަނގުރާމަވެރިންނަށް ހެދުމަށް މިފަދަ ކުދިންނަށް އައިއެސް އިން ތަމްރީނުތައް ދެމުން އަންނައިރު ބައެއް ކުދިންނަކީ ޖާސޫސުންގެ ގޮތުގައި ތަމްރީނުކޮށްފައިވާ ކުދިން ކަމަށާއި ކުރިމަތިލުންތަކުގައި ޒަޚަމްވާ އައިއެސްގެ ހަނގުރާމަވެރިންނަށް ބޭނުންވާ ލޭ ހޯދުމަށް ވެސް ކުޑަކުދިންގެ ވަކި ސްކޮޑެއް އައިއެސް އިން ތަރައްގީކޮށްފައިވާ ކަމަށެވެ.

ޒަޚަމްވެފައި ތިބޭ ހަނގުރާމަވެރިންނަށް ލޭ ދޭ ބައެއްގެ ގޮތުގައި ގިނަ ކުދިން އައިއެސް އިން ބޭނުންކުރަނީ ބިރު ދައްކައިގެން ކަމަށް ވެސް ރައިޓްސް ގްރޫޕުތަކުން ބުނެ އެވެ.

ހިއުމަން ރައިޓްސް ވޮޗުގެ ރިޕޯޓްތަކުން އެނގޭ ގޮތުން އުމުރުން ފަސް އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިން އައިއެސް އިން ދަނީ އެމީހުންގެ ހަނގުރާމައިގެ މައިދާންތަކަށް ނެރެމުންނެވެ. ބައެއް ކުދިންނާ ހަވާލުކުރެވިފައިވާ ވަޒީފާ އަކީ އޭނާ ހަނގުރާމައިގެ މައިދާނަށް ނުކުންނައިރު ގައިގައި ހަރުކޮށްފައި ހުންނަ ބޮން ގޮއްވާލައިގެން ސިފައިން މެރުމެވެ.

އަމިއްލަ އަށް މަރުވެގެން އައިއެސް އިން ދޭ ހަމަލާތަކުގައި ކުޑަކުދިން ބޭނުންކުރާ މިންވަރު މައްޗަށް ޖެހިލާފައިވާއިރު 15 އަހަރާއި 15 އަހަރުން ދަށުގެ އަންހެން ކުދިން ޖާރިއާއިންގެ ގޮތުގައި ގެންގުޅުމުގެ މައްސަލަ އާއި ވަގަށް ނަގައިގެން ގެންދާ ފުރާވަރުގެ އަންހެން ކުދިން ހަނގުރާމަވެރިންނާ ކައިވެނިކުރުވާ މައްސަލަ ވެސް އޮތީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ.

މީގެ އިތުރުން ހަނގުރާމައިގެ މައިދާން ދޫކޮށް، ކައްކާ މީހުންގެ ގޮތުގައި ވެސް އައިއެސް އިން ކުޑަކުދިން ބޭނުންކުރެ އެވެ.

މިފަދަ ބައެއް ކުދިން އައިއެސްގެ އަތްދަށުން ސަލާމަތްވެގެން ފިލާފައިވާއިރު ބައެއް ކުދިން އެމީހުންގެ ތަޖުރިބާގެ ވާހަކަތައް ދުނިޔެ އަށް ވެސް ކިޔައިދީފައިވެ އެވެ. އެގޮތުން އައިއެސް ދޫކޮށް ފިލި 17 އަހަރުގެ، ސީރިއާގެ ފިރިހެން ކުއްޖަކު ބުނެފައި ވަނީ މީހުންގެ ބޯ ބުރިކުރާނެ ގޮތް ދަސްކޮށް ދިނުމަށް އައިއެސް އިން ކުޑަކުދިންނަށް ހާއްސަކޮށްގެން ހިންގާ ކޯހެއްގައި އޭނާ ބައިވެރިވާން ޖެހުނު ކަމަށެވެ.

އޭނާ ބުނީ އެ ތަމްރީނު ޕްރޮގްރާމުގައި އަށް އަހަރުގެ ކުޑަކުދިން ވެސް ބައިވެރިކުރާ ކަމަށެވެ.

"ބޯ ބުރިކުރާނީ މިހެންނޭ ކިޔާފައި ސީރިއާ ސިފައިންގެ މީހަކު ގެނެސް ކަކޫ މައްޗަށް ތިރިކޮށް އޭނާގެ ބޯ ބުރިކޮށްލުމަށް ފަހު ދެން ހުންނަ ސިފައިންގެ މީހާގެ ބޯ ބުރިކުރަން ދެނީ އެކަމަށް އަމިއްލަ އަށް އިސްނަގާ ކުއްޖަކަށް. އެއަށް ފަހު ބުރިކޮށްލާފައި އެއްލާލާ ބޯ ނަގައިގެން ކުދިންތައް އުޅޭނީ،" އައިސްގެ އަތްދަށުން ސަލާމަތްވި މި ކުއްޖާ ކިޔައިދީފައި ވެއެވެ.