ދުނިޔެ

ހަވާއީގަައި އަލިފާން ފަރުބަދައެއް ގޮވައި ގެއްލުންތައް ވެއްޖެ

އެމެރިކާގެ ހަވާއީގައި ހުންނަ އަލިފާން ފަރުބަދައެއް ގޮވައި އެތައް ގެއެއް ހަލާކުވެއްޖެއެވެ.

ބީބީސީ ބުނީ ހަވާއީގެ ކިލާއީ ނަމަކަށް ކިޔާ އަލިފާން ފަރުބަދަ އިއްޔެރޭ ގޮވުމުން އެ ފަރުބަދަައިން ނުކުތް ލާވާ( ވިރިކެކޭ އަލިފާން) ޖައްވުގެ ތެރެއަށް 100 ފޫޓަށް އަރައިގެން ދިޔަ ކަމަށެވެ. އަދި ބުނީ އެގޮތުންް ބޭރުވި ލާވާ މަގުތަކަށް ދެމިގެން ގޮސްފައިވާ ކަމަށާއި ފަރުބަދައިގެ ކައިރިން ދުރަށް ނުގޮސް ތިބި މީހުން އެތަނުން ދިއުމަށް އަންގާފައިވާ ކަމަށެވެ.

ހަވާއީގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބަނުން އެ ސަރަހައްދުގެ ވައިގައި ނުރައްކާތެރި މިންވަރަކަށް ސަލްފަޑައިއޮކްސައިޑް ގޭސް އެކުލެވިފައިވާ ކަމަށެވެ. އެހެންވެ އެ ސަރަހައްދުގައި މީހަކަށް ކަމެއް ދިމާވިޔަސް އެހީތެރިކަން ފޯރުކޮށް ނުދެވޭނެ ކަމަށް ވެސް ބުންޏެވެ.

ހަވާއީގައި އަލިފާން ފަރުބަދަ ގޮވުމާ ވިދިގެން ބާރުގަދަ ބިންހެލުންތަކެއް ވެސް ވަނީ އައިސްފައެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭ(ޔޫއެސްޖީއެސް) ބުނީ އަލިފާން ފަރުބަދައިގެ އިރުދެކުނަށް އިއްޔެ ރިކްޓަ މިންގަނޑުން 6.9 ގެ ބާރުމިނުގައި ބިންހެލުމެއް އައި ކަމަށެވެ. އަދި ބުނީ ކިލާއީ ފަރުބަދަ އަދިވެސް އިތުރަށް ގޮވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަލިފާން ފަރުބަދަ ގޮވަން ފެށުމުން އެ ފަރުބަދައިގެ ކައިރި ހިސާބުތަކުން ވަނީ މީހުން ހުސްކޮށްފައެވެ. އެގޮތުން ބުރާސްފަތިދުވަހުގެރޭ އެސަރަހައްދު ދޫކޮށް 1700 މީހުން ދިޔައެވެ. އެމީހުންނަށް ހިޔާވަހިކަން ދީފައި ވަނީ ރައްކާތެރި ސަރަހައްދުތަކުގައިވާ ކޮމިއުނިޓީ ސެންޓަރުތަކުންނެވެ.

ހަވާއީގެ ގަވާނާ ޑޭވިޑް އިގީ ވިދާޅުވީ އަލިފާން ފަރުބަދަ ގޮވުމުން މީހުންނަށްް އެހީތެރިވުމަށް ރިޒާވް ސިފައިންގެ ފައުޖެއް ނެރެފައިވާ ކަމަށެވެ.