ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގުމަށް ކްރިމިނަލް ކޯޓް ހިމެނޭ ޖަސްޓިސް ބިލްޑިންގަށް އެމަނިކުފާނު ވައްދަން ފުލުހުން މަސައްކަތް ކުރީ ގާނޫނާ ގަވައިދާ އެއްގޮތަށް ކަމަށް ޕޮލިސް އިންޓްގްރެެޓީ ކޮމިޝަން (ޕީއައިސީ) އިން ނިންމައިފި އެވެ.
މި މައްސަލަ ޕީއައިސީން މިގޮތަށް ނިންމި އިރު 23 ފެބުރުއަރީގައި އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދުވަހު ފުލުހުން އަމަލު ކޮށްފައިވަނީ އަނިޔާވެރި ކޮށް ކަމަށެވެ.
ރައީސް ނަޝީދު ކޯޓަށް ހާޒިރު ކުރުމުގެ ތެރޭ ނޫސްވެރިންނާ ކުރިމަތިލައްވަން އުޅުއްވަނިކޮށް މައްސަލަތަކެއް ކުރިމަތިވެ އެމަނިކުފާނު ވެއްޓި ވަޑައިގެންފައި ވަނިކޮށް ގަދަކަމުން ކޯޓަށް ވެއްދީ މިދިއަ ފެބުރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.
ޕީއައިސީފެ ޑިރެކްޓަރު ޖެނެރަލް އަބްދުލް އަޒީޒް ޔޫސުފު ވިދާޅުވީ އެ މައްސަލަ ރައީސް ނަޝީދުގެ ފަރާތްޕުޅުން ޕީއައިސީއަށް އެމަނިކުފާނުގެ ލީގަލް ޓީމުން ހުށަހެޅުމުން ކޮމިޝަނުން ބެލި މައްސަލަ އިއްޔެ ނިންމާފައިވާ ކަމަށާއި އެކަމާ ބެހޭ މީޑީއާ ސްޓޭޓްމަންޓެއް ވެސް އާންމު ކުރާނެ ކަމަށެވެ.
އަޒީ ވިދާޅުވީ ނަޝީދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ޖަސްޓިސް ބިލްޑިންގަށް ވެއްދުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށްތޯ ބަލަން ހުށަހެޅި މައްސަލަ ބަލައި ތަހުގީގު ކުރި އިރު ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާއި ގަވާއިދުތަކާއި ފުލުހުން ހިލާފުވެފައިވާ އެނގެން ނެތް ކަމަށެވެ.
ކޮމިޝަންގެ ނިންމުމުގައި ބުނަނީ ކޮމިޝަނަށް ލިބުނު ވީޑިއޯތަކަށް ބަލާއިރު، ނަޝީދު ކޯޓަށް ވައްދަން ފުލުހުންގެ ވެހިކަލް އެ ބިލްޑިންގުގެ ގޭޓަށް މަޑުކުރުމުން ރައީސް ނަޝީދު ފައިބައިވަޑައިގެން ޖަސްޓިސް ބިލްޑިންގ ގޭޓުން ވެންނެވުމަށް ވަޑައިގެންނެވި ކަމަށާ ނަމަވެސް އެމަނިކުފާނު ކުއްލި އަކަށް ނޫސްވެރިންނާ ދިމާލަށް އެނބުރިވަޑައިގެން ވާހަކަފުޅު ދައްކަން ފެށުމުން އެމަނިކުފާނު އެތަނުގައި މަޑުނުކުރައްވައި ކޯޓަށް ވަދެވަޑައިގަތުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް އެ އަމުރަށް ކިޔަމަންވެވަޑައިނުގެން ރުޅި އިސްކުރެއްވީ ކަމަށެވެ.
ފުލުހުންގެ ދައުރު އަދާކުރުމުގައި އެއްވެސް ފުލުހެއް ކުރާ ގާނޫނީ އަމުރަކަށް ނުކިޔަމަންތެރިކަން ނުވަތަ ގަދަކަން ދައްކައިފި މީހަކާ މެދު ފުލުހުންނަށް ލިބޭ ބާރާއި އިހުތިޔާރުގެ ބޭނުން ހިފުމުގައި އެ ނުކިޔަމަންތެރިކަން ނުވަތަ ގަދަފަދަ ކަން ދައްކާ މީހަކު ކިޔަމަންކުރުމަށް އެކަށީގެންވާ ބާރު ބޭނުން ކުރުމަކީ ހުއްދަކަމެއް ކަމަށް ފުލުހުންގެ ގާނޫނުގައި ބުނާ ކަމަށާއި އެ ގާނޫނަށް ރިއާޔަތްކޮށް ރައީސް ނަޝީދު ކިޔަމަންކުރުވައި ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވާ ގަޑިއަށް ކޯޓް ހުންނަ އިމާރާތަށް ވެއްދުމުގެ މަގުސަދު ހާސިލް ކުރަން ފުލުހުން ބޭނުން ކުރި ބާރަކީ އެ ހާލަތުގައި އެކަށީގެންވާ ވަރަށް ބޭނުން ކޮށްފައިވާ ބާރެއް ކަމަށް ކޮމިޝަނުގެ ތަހުގީގަށް ނެގި ބަޔާންތަކާއި ވީޑިއޯ ފުޓޭޖްތަކުން އެނގޭ ކަމަށް ވެސް ނިންމާފައި ވެއެވެ.