ހަބަރު

އުއްތަމަ ފަނޑިޔާރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި

ދައުލަތުގެ ލިޔެކިޔުންތައް ބަދަލުކުރާ ނިޒާމް، ޖެމްސް ހުއްޓުވާލަން އެންގެވިކަން ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ. ކުރިމިނަލް ކޯޓުން މިއަދު ހުކުމް އިއްވިިއިރު 10 ދުވަސް ތެރޭގައި ހައިކޯޓުގައި އިސްތިއުނާފު ކުރައްވަންޖެހޭނެ އެވެ. ހައިކޯޓުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަން ޖެހޭނެ އެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާނަމަ އެކަމަށް ވެސް ލިބެނީ 10 ދުވަހެވެ. ސުޕްރީމް ކޯޓުން ވެސް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ފަނޑިޔާރުންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި ބުނެ އެވެ.

ސުޕްރީމް ކޯޓުން އުއްތަމަ ފަނޑިޔާރަށް ކޮށްފައިވާ ޖަލު ހުކުމް ދަމަހައްޓައިފިނަމަ، އެމަނިކުފާނުގެ ފަނޑިޔާރުކަން ގެއްލޭނެ އެވެ.

ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީތަކެއް ބަލައިނުގަތުމަށް ޖެމްސް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް އުފުލީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުކުރުމަށް އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ތިން ސިއްރު ހެއްކަކާއި ސުޕްރީމް ކޯޓުގެ އިސް މުވައްޒަފެއްގެ ނަން ހުށަހަޅާފަ އެވެ.

މިއަދު ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އިއްވެވި ހުކުމުގައި ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި ބުނެފައިވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ހެކި ބަހުން ޖެމްސް ކަނޑާލަން އުއްތަމަ ފަނޑިޔާރު އެންގެވި ކަމާއި އޭގެ ސަބަބުން ލިޔުންތަކެއް ސުޕްރީމް ކޯޓަށް ލިބިފައިނުވާކަން އެނގޭ ކަމަށެވެ. އަދި، ސުޕްރީމް ކޯޓުން ލިޔުންތަކެއް ފޮނުވަން އަލުން ޖެމްސް ގުޅާފައިވާކަން ވެސް އެނގެން އޮންނަ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ ލިޔުންތައް ބަދަލު ކުރަންވާނީ ޖެމްސް މެދުވެރިކޮށް ކަމަށް ރައީސް އޮފީހުން ދައުލަތުގެ މުއައްސަސާތަކަށް އަންގާފައިވަނިކޮށް އެ ކަނޑާލުމަކީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ ޖެމްސް ނިޒާމްގައި އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަން ހެކި ބަހުން ސާބިތުވާ ކަމަށާއި އެއީ ގަސްދުގައި ކަނޑާލާފައިވާ ކަނޑާލުމެއްކަން ސާބިތުވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންވެ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުށުގެ އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަން ވަނީ ފުރުސަތު ދީފަ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ، ކުށަކީ ޖުނުހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެހެންކަމުން އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އެ އަދަބުގެ ދަރަޖަ ކުޑަކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި ދަރަޖަ ކުޑަކުރަން ޖެހުނީހީ ޝަރީއަތުގައި ކުށަށް އިއުތިރާފުވި ނަމަ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވަނީ އަދަބުގެ ދެ ދަރަޖަ ކުޑަކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެއީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަށެވެ. ނުވަތަ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށް ވެސް އެދިވަޑައިގަތެވެ. އޭގެ ސަބަބުތަކެއް ވެސް ވިދާޅުވި އެވެ. އެއީ އުއްތަމަ ފަނޑިޔާރު ކުރައްވާފައިވާ އަމަލަކީ ހުއްދަ އަމަލެއް ކަމަށް ގަބޫލު ކުރައްވާތީ އެވެ. އެ އަމަލު ކުރައްވާފައިވީ ނަމަވެސް ސުޕްރީމް ކޯޓަށް ލިޔުންތައް ފޮނުވުމުގައި އެއްވެސް ހުރަހެއް ނެތްއިރު އެއީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުން ކަމަށް ބެލެން ނެތީމަ ކަމަށެވެ.

ނަމަވެސް، ދިފާއުގައި ފާހަގަ ކުރެއްވި އެއްވެސް ނުކުތާއަކަށް އަދަބު ކަނޑައެޅުމުގައި ގާޒީ ބައްލަވާފައެއް ނުވެ އެވެ. އުއްތަމަ ފަނޑިޔާރުގެ ކުށުގެ ރިކޯޑަށް ބަލާއިރު މީގެކުރިން ކުށެއް ސާބިތުވެފައިނުވާތީ އާއި އެ ކުށަކީ ޖުނުހުގެ އެއްވަނަ ދަރަޖަައިގެ ކުށަކަށްވާތީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ނިންމައި އެ މައްސަލަ ގާޒީ ނިންމާލެއްވީ އެވެ.