ދުނިޔެ

އެމެރިކާގެ ހާރިޖީ ވަޒީރު އުތުރު ކޮރެއާއަށް ވަޑައިގެންފި

އުތުކޮރެެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ބާއްވަވާ ބައްދަލުވުމުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ މަޝްވަރާއަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މިއަދު އުތުރު ކޮރެއާއަށް ވަަޑައިގެންފި އެވެ.

ޕޮމްޕެއޯގެ ދަތުރުފުޅުގައި ކިމް-ޓްރަމްޕް ބައްދަލުވުމުގެ ތަފުސީލުތަކާ މެދު އުތުރުކޮރެއާ ސަރުކާރުގެ އިސްވެެރިންނާ މަޝްވަރާ ކުރެއްވުމުގެ އިތުރުން އުތުރުކޮރެއާގައި ބަންދުގައި ތިބި އެމެރިކާ މީހުން މިނިވަން ކުރުމަށް އެގައުމަށް ބާރު އަޅުއްވާނެއެވެ. ދަތުރުފުޅުގެ ކުރިން ޕޮމްޕެއޯ ވިދާޅުވީ އުތުރު ކޮރެއާއިން ރަނގަޅަށް ކަންތައްތައް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ކިމްއާއި ޓްރަމްޕްގެ ބައްދަލުވުން ބާއްވާނެ ތާރީހަކާއި ތަނަކާބެހޭ ގޮތުން ދެ ސަރުކާރަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޓްރަމްޕް ކުރިން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ތާރީހާއި ތަންް އަދި ހާމަކުރައްވާނީ އަަދި ފަހުން ކަމަށް ވެސް ޓްރަމްޕް އޭރު ވިދާޅުވި އެވެ.

"އަހަރެމެން ދެކެނީ އުތުރު ކޮރެއާއާ އެކުގައި ގުޅުންތަކެއް އުފެދެމުންދާ ކަމަށް. އެކަން ކުރިއަށްދާ ގޮތް އަހަރެމެން ބަލާނަން. ފަހަރެއްގައި ކުރިއަށް ނުގޮސްފާނެ. އެކަމަކު އެއީ އުތުރު ކޮރެއާ، ދެކުނު ކޮރެއާ އަދި މުޅި ދުނިޔެއަށް ވެސް ވަރަށް ރަނގަޅުކަމެއް،" ޓްރަމްޕް އޭރުގައި ވިދާޅުވިއެވެ.

އުތުރުކޮރެއާގައި ބަންދުކޮށްފައި ތިބި އެމެރިކާ ތިން މީހުން މިނިވަންވާނެތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ އެކަން ޖެހޭނީ ބަލަން ކަމަށެވެ.