ދުނިޔެ

އީރާން އެއްބަސްވުން ދޫކޮށްލުމަކީ މަގު ގެއްލިފައިވާ ނިންމުމެއް: އޮބާމާ

އީރާނުގެ ނިއުކްލިއަ މަޝްރޫއު ހުއްޓުވުމަށް ޔޫރަޕްގެ ބާރުތަކާއި އެމެރިކާއިން އެ ގައުމާއެކު ގާއިމްކުރި އެއްބަސްވުން އެމެރިކާއިން ދޫކޮށްލަން ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ނިންމެވި ނިންމެވުމަކީ "މަގު ގެއްލިފައިވާ" ނިންމުމެއް ކަމަށް ކުރީގެ ރައީސް ބަރަކް އޮަބާމާ ވިދާޅުވެއްޖެއެވެެ.

އީރާނު އެއްބަސްވުމުގައި އެމެރިކާގެ ފަރާތުންް ސޮއިކުރެއްވީ އޭރު އެގައުމުގެ ރައީސްގެ ހައިސިއްޔަތުން އޮބާމާއެވެ.

އެއްބަސްވުން ދޫކޮށްލަން ޓްރަމްޕް ނިންމެވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޮބާމާ ނެރުއްވި ދިގު ބަޔާނެއްގައި ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ބަޔާނުގައި އޮބާމާ ވިދާޅުވެފައި ވަނީ ޑިމޮކްރަސީގައި އެކި ސަރުކާރުތަކުގެ ސިޔާސަތު ތަފާތުވުމަކީ ހިނގާ ކަމެއް ކަމަށާއި އެހެން ނަމަވެސް ހުއްޓުމެއް ނެތި އެއްބަސްވުންތައް ދޫކުރަމުން ދާނަމަ އެމެރިކާގެ އިތުބާރު ގެއްލޭނެ ކަމަށެވެ.

"ޑިމޮކްރަސީއެއްގައި ސަރުކާރެއްގެ ސިޔާސަތު ދެން އަންނަ ސަރުކާރާ ތަފާތުވުމަކީ އަބަދުވެސް އޮންނަ ކަމެއް. އެކަމަކު އަހަރެމެންގެ ގައުމު ބައިވެރިވާ އެއްބަސްވުންތައް ހުއްޓުމެއް ނެތި ދޫކުރަމުން ދާ ނަމަ އެމެރިކާގެ އިތުބާރު ކެނޑޭނެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތަކާ އަހަރެމެންނާ މައްސަލަ ޖެހޭނެ،" ބަޔާނުގައި އޮބާމާ ވިދާޅުވެފައި ވެއެވެ.

އީރާނު އެއްބަސްވުން ދޫކޮށްލުމުން އޮބާމާގެ އިތުރުން އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އެހެން އިސް ބޭފުޅުން ވެސް ވަނީ އެކަަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ދުނިޔޭގެ ނުފޫޒު ގަދަ ގިނަ ގައުމުތަކަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ފްރާންސާއި ޖަރުމަނު އަދި ޔޫރަޕިއަން ޔޫނިއަންގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާގެ ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުން ސަރުކާރަށް ފާޑުވިދާޅުވުމަކީ ވަރަށް މަދުން ހިނގާ ކަމެކެވެ. ނަަމަވެސް އޮބާމާ ވަނީ މީގެ ކުރިންވެސް ޓްރަމްޕްގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

އީރާނުން ނިއުކުލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް އެގައުމާއި ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ހަދާފައިވާ ނިއުކުލިއާ އެއްބަސްވުމުން އެމެރިކާ ނިކުމެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ނިންމަވައި އެކަން އިއުލާނު ކުރެއްވީ އިއްޔެގައެވެ.

އެ އެގްރިމަންޓް އުވާލިކަން އިއުލާން ކުރައްވަމުން ވައިޓްހައުސްގައި ދެއްވި ސްޓޭޓްމަންޓެއްގައި ޓްރަމްޕް ވިދާޅުވީ އީރާނުގެ އެއްބަސްވުމަކީ އެމެރިކާއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމަށާއި މިއީ އެމެރިކާއަށް އެއްވެސް ފައިދާއެއް ކުރާ އެގްރިމަންޓެއް ނޫން ކަމަށެވެ. އަދި އެ އެގްރިމަންޓަކީ އޭގެ މަގުސަދުތައް ހާސިލް ނުވާ ބޭކާރު އެގްރިމަންޓެއް ކަމަށާއި އެކަމުގެ ސަބަބުން މުސްތަގުބަލުގައި އީރާނުގެ ނިއުކުލިއާ ޕްރޮގްރާމް އެ ގައުމުން އެހެން ހަރުފަތަކަށް ގެންގޮސްފާނެ ކަމަށެވެ.