ދުނިޔެ

މެލޭޝިއާ އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ކަމަށް މަހާތީރު ވިދާޅުވެއްޖެ

މެލޭޝިއާގައި މިއަދު ބޭއްވި އާއްމު އިންތިހާބު އިދިކޮޅު ޕަކަޓާން ހަރަޕަން އަށް ކާމިޔާބުވެފައިވާ ކަމަށް އެޕާޓީގެ ލީޑަރު އަދި މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޓުން ޑރ. މަހާތީރު ބިން މުހައްމަދު ދައުވާ ކުރައްވައިފިއެވެ. އުމުރުފުޅުން މިހާރު 93 އަހަރު ވެފައިވާ މަހާތީރަކީ މެލޭޝިއާގެ ބޮޑުވަޒީރުކަން 22 އަހަރު ވަންދެން ކުރައްވާފައިވާ ބޭފުޅެކެވެ.

ޕެޓަލިން ޖާޔާގައިވާ ޝެެރެޓަން ހޮޓަލުގައި މަހާތީރު ވިދާޅުވީ ޕަކަޓާން ހަރަޕަންއަށް ސަރުކާރު އެކުލަވާލަން ބޭނުންވާ 112 ގޮނޑިއަށް ވުރެ ގިނައިން މެލޭޝިއާ ޕާލަމެންޓްގެ ގޮނޑި ކާމިޔާބުވެފައިވާ ކަމަށެވެ. ނަމަވެސް މެލޭޝިއާގެ އިލެކްޝަން ކޮމިޝަނުން އަދި އެނަތީޖާ ކަށަވަރެއް ނުކޮށްދެއެވެ.

މަހާތީރު ވިދާޅުވީ މެލޭޝިއާ ޕާލަމެންޓުގެ އަޣުލަބިއްޔަތުގެ އިތުރުން ސްޓޭޓް އެސެމްބްލީތަކުގެ ތެރެއިން ހަ އެސެމްބްލީއެއްގެ އަޣުލަބިއްޔަތުވެސް އޭނާގެ ޕާޓީއަށް ލިބިފައިވާ ކަމަށެވެ.

" ފެޑެރަލް ސަރުކާރު އެކުލަވަލައިލަން އަހަރެމެންނަށް ބޭނުންވަނީ 112 ގޮނޑި. މިހާރު ފެންނަ ގޮތުން އަހަރެމެންނަށް އެއަށް ވުރެ އިތުރަށް ވެސް ކާމިޔާބު ކުރެވިއްޖެ. އެމީހުންގެ [ވެރިކަން ކުރާ ބަރީސާން ނެޝަނަލް] ގެ އަދަދު އެއަށްވުރެ މާ މަދު،" ނޫސްކޮންފަރެންސްގައި މަހާތީރު ވިދާޅުވިކަމަށް މެލޭޝިއާކިނީ ނޫހުން ބުންޏެވެ.

މެލޭޝިއާގައި މިއަދު ފެށި އިންތިހާބު ވެފައި ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވާ ބޮޑުވަޒީރު ނަޖީބު ރައްޒާގާއި އެއް ދުވަސްވަރެއްގައި އޭނާއަށް އިރުޝާދު ދެއްވުމުގައި ހުންނެވި ކުރީގެ ބޮޑުވަޒީރު މަހާތީރާ ދެމެދު ހިނގާ ސިޔާސީ ހަނގުރާމައަކަށެވެ. މިއަދުގެ އިންތިހާބުގެ ވާދަވެރިކަން ބޮޑުވީ ވެސް އުމުރުފުޅުން މިހާރު 92 އަހަރުވެފައިވާ މަހާތީރު ކުރިމަތިލެއްވުމުންނެވެ.

މެލޭޝިއާގެ އާއްމު އިންތިހާބުވައި ވޯޓުލާން ފެށީ އެގައުމުގެ ގަޑިން ހެނދުނު 8:00 ގައެވެ. މި އިންތިހާބުގައި އެގައުމުގެ ޕާލަމެންޓްުގެ 222 މެންބަރުންނާއި ސްޓޭޓްތަކުގެ އެެސެމްބްލީތަކަށް 505 މެމްބަރުން އިންތިހާބުކުރާނެއެވެ. މި އިންތިހާބުގައި މެލޭޝިއާގެ 14.4 މިލިޔަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.