ހަބަރު

ފަރުވާއަށް ފަހު އަލީ ހަމީދު ހޮސްޕިޓަލުން ދޫކޮށްލައިފި

ނުފޫޒު ފޯރުވި މައްސަލާގައި ހުކުމް އިއްވުމަށް ރޭ ކްރިމިނަލް ކޯޓުގައި އަޑުއެހުމަށް ހާޒިރުކޮށްފައި ވަނިކޮށް ހާލު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހުނު ސުޕްރީމް ކޯޓުގެ ފަންޑީޔާރު އަލީ ހަމީދަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

އަލީ ހަމީދު ނޭވާ ހާސްވެ އެމަޖެންސީގައި ހޮސްޕިޓަލަށް ގެންދަން ޖެހުނީ ހުކުމް އިއްވުމުގެ މަޖިލީހަށް ދެ ފަނޑިޔާރުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް، އަލީ ހަމީދު ނޭވާ ހާސްވެ، އެޑްމިޓް ކުރި އިރު އޭނާއަށް ހުކުމް އިއްވުން އޮތީ ރޭ 7:30 ގައެވެ. ނަމަވެސް އޭނާ ކުއްލި ގޮތަކަށް ހޮސްޕިޓަލަށް ގެންދިޔުމަށް ފަހު ރޭ އެއްކޮށް އޮތީ އެޑްމިޓްކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި އަލީ ހަމީދު ދޫކޮށްލާފައިވާ ކަމަށެވެ.

ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ސަރުކާރުން އެސްއޯއީ އިއުލާންކޮށް އަލީ ހަމީދު ހައްޔަރުކުރި ފަހުން ވެސް އޭނާ ވަނީ އެއް ފަހަރު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. އަދި އަލީ ހަމީދު ކޯޓްގައި ވިދާޅުވެފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރިރޭ ކޯޓްގައި ސިޑިމަތިން ވެއްޓުމުގެ ސަބަބުން އޭނާއަށް ހިނގަން ވަނީ އުނދަގޫވެފަ އެވެ. އަދި ސިއްހީ މައްސަލަތަކުގެ ސަބަބުން އަލީ ހަމީދު ނިދަނީ، ދޫނިދޫ މެޑިކަލްގައި އޮކްސިޖަން ގުޅައިގެން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ނުފޫޒު ފޯރުވި މައްސަލާގައި މީގެ ކުރިން އަޑުއެހުންތައް ބޭއްވީ ސިއްރުކޮށްގެން އެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ ހުކުމް ކުރަން ބާއްވާ މަޖިލިސް މީޑިއާތަކަށް ހުޅުވާލައިގެން ބޭއްވުމަށެވެ. ހުކުމް ކުރުމުގެ މަޖިލިސް މިއަދު މެންދުރުފަހު 2:00 އަށް އަނެއްކާ ވެސް ވަނީ ތާވަލްކޮށްފި އެވެ.