ދުނިޔެ

ހީކުރި ގޮތަށް މަހާތީރު ހުވާ ކުރެއްވުމެއް ނުބޭއްވުނު!

ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ކެންޑިޑޭޓުގެ ގޮތުގައި މެލޭޝިއާ ޕާލަމެންޓަށް އިއްޔެ އިންތިހާބުވެފައިވާ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު މެލޭޝިއާގެ ރަސްގެފާނުގެ ގަނޑުވަރަށް މިއަދު ވަޑައިގެންނެވީ މަގާމުގެ ހުވާ ކުރައްވަން ކަމަށް ބެލެވުނަސް، ހުވާ ނުކުރައްވައި އެނާ އެނބުރި ވަޑައިގެންފި އެވެ.

މެލޭޝިއާގެ ރަސްގެފާނުގެ ސުލްތާން މުހައްމަދުގެ ގަނޑުވަރަށް މިއަދު ހަވީރު މެލޭޝިއާ ގަޑިން ފަހެއް ޖެހި އިރު މަހާތީރު ވަޑައިގެންނެވީ ބޮޑުވަޒީޒުކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ތައްޔާރުވެވަޑައިގެންނެވެ. އޭނާ އިސްކޮށް ހުންނެވި ޕަކަޓާން ހަރަޕަން އިއްތިހާދުން މެލޭޝިއާ ޕާލަމެންޓްގެ 122 ގޮނޑި ވަނީ ކާމިޔާބުކޮށްފަ އެވެ.

އުމުރުފުޅުން މިހާރު 92 އަހަރު ވެފައިވާ މަހާތީރު ކުރިން ބޭއްވި ނޫސްކޮންފަރެންސެއްގައި ވިދާޅުވީ އޭނާއަށް ޕާލަމެންޓްގެ 135 މެމްބަރެއްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށެވެ. މެލޭޝިއާގެ މަރުކަޒީ ސަރުކާރު އެކުލަވައިލަން ބޭނުންވަނީ 112 މެމްބަރުންގެ ތާއީއެވެ.

ސްޓްރެއިޓްސް ޓައިމްސް ބުނީ ރަސްގެފާނުގެ ގަނޑުވަރުން މަހާތީރު ވަޑައިގެންނެވި ނަމަވެސް އިއްތިހާދުގެ ޕާޓީތަކުގެ އެހެން ލީޑަރުން އެގަނޑުވަރުގައި އަދިވެސް އެބަ ތިއްބެވި ކަމަށެވެ. އަދި ބުނީ ރަސްގެފާނު އެބޭފުޅުންނާ މަޝްވަރާ ކުރެއްވުން މިރޭގެ ހަތެއް ޖެހުމާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

ހުވާ ނުކުރައްވާ މަހާތީރު ވަޑައިގެންނެވި އިރު އެކަމާ ބެހޭ ގޮތުން މެލޭޝިއާގެ ނޫސްތަކުން ވަނީ ދެގޮތަކަށް ހަބަރު ފަތުރާފައެވެ. ގަނޑުވަރުގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނީ ހުވާކުރުން މިއަދަކު ނެތް ކަމަށެވެ. ނަމަވެސް އަނެއްބައި ނޫސްތަކުން ބުނީ މިރޭ9:00 ގައި އެ ރަސްމިއްޔާތު އޮންނާނެ ކަމަށެވެ.

މަހާތީރަކީ 1981 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރާ ހަމައަށް މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވުމަށް ފަހު ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް އޭގެ 15 އަހަރު ފަހުން އޭނާ ސިޔާސީ ދާއިރާއަށް ނުކުންނެވީ މިހާރުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުގެ ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމުންނެވެ.