ދުނިޔެ

ނަޖީބާއި އަނބިކަނބަލުން ގައުމުން ބޭރަށް ވަޑައިގަތުން މަނާކޮށްފި

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބް އަބްދުއް ރައްޒާގާއި އޭނާގެ އަނބިކަނބަލުންނަށް ރޮސްމާ މަންސޫރް އެ ގައުމުން ބޭރަށް ވަޑައިގަތުން އިމިގްރޭޝަނުން މަނާކޮށްފި އެވެ.

މެލޭޝިއާގެ އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޖީބާއި އަނބިކަނބަލުންގެ ނަންފުޅު ގައުމުން ބޭރަށް ދިއުން މަނާ މީހުންގެ ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.

އެ ދެ ބޭފުޅުން ގައުމުން ބޭރަށް ދިއުން މަނާކުރީ އާއިލާއާއެކު ޗުއްޓީއެއް ހޭދަކުރެއްވުމަށް މިއަދު ގައުމުން ބޭރަށް ވަޑައިގަތުމަށް ރާއްވަވާފައި ވަނިކޮށެވެ.

މިދިޔަ ހަފުތާގައި މެލޭޝިއާގައި ބޭއްވި އިންތިހާބުގައި ބޮޑު ވަޒީރު ނަޖީބު ނިސްބަތްވާ ބަރިސަން ނޭޝަނަލް ކޯލިޝަން ވަނީ ބޮޑު ބައްޔަކުން ބަލިވެފަ އެވެ. ނަޖީބްއާއެކު އިންތިހާބުގައި ވާދަ ކުރައްވާ މޮޅުވި މާހާތިރް މުހައްމަދު 92، ވަނީ މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާގެ ބޮޑު ވަޒީރު ކަމުގެ ހުވާކޮށްފަ އެވެ.

ނަޖީބްގެ މައްޗަށް ވަނީ 700 މިލިއަން ޑޮލަރުގެ ހިޔާނާތުގެ ތުހަމަތެއްކޮށްފަ އެވެ. އެނާ އަންނަނީ އެ ތުހުމަތައް އިންކާރު ކުރައްވަމުންނެވެ.