ދުނިޔެ

އުތުރު ކޮރެެއާގެ އިގްތިސޯދު ބިނާ ކޮށްދޭން އެމެރިކާ ހުށަހަޅައިފި

ނިއުކްލިއަ ހަތިޔާރު ދޫކޮށްލަން އުތުރުކޮރެއާއިން އެއްބަސް ވާ ނަމަ އެގައުމުގެ އިގުތިސާދު އަލުން ބިނާކޮށްދޭން އެމެރިކާއިން ހުށަހަޅައިފިއެވެ.

އުތުރުކޮރެއާގެ އިގުތިސާދު އަލުން ބިނާކޮށްދޭން އެމެރިކާ ތައްޔާރަށް އޮތްކަން ހާމަކުރެއްވީ ދާދިފަހުން އެގައުމަށް ދަތުރުފުޅެއް ކުރައްވާފައިވާ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއެވެ.

" ޗެއާމަން ކިމް ރަނގަޅު މަގު އިހުތިޔާރުކުރައްވައިފި ނަމަ އަމާންކަމާއި ކުރިއެރުން އެކުލެވިގެންވާ މުސްތަގުބަލެއް އުތުރުކޮރެއާ ރައްޔިތުންނަށް އެބަ އޮތް،" އެމެރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ ދެކުނުކޮރެއާގެ ފޮރިން މިނިސްޓަރު ކާން ކިޔޫން ވާއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ޕޮމްޕެއޯ ވިދާޅުވި ކަމަށް ނޫސްތަކުން ބުންޏެވެ.

ނިއުކްލިއަ ހަތިޔާރުން ސަލާމަތްވެފައިވާ ތަނަކަށް ވުމަށް ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ޕޮމްޕެއޯ އުތުރުކޮރެއާއަށް ގޮވައިލެއްވިއެވެ. ނަމަވެސް އުތުރުން އެގޮތަށް މަސައްކަތް ކުރިކަން ކަށަވަރުކުރަން އެމެރިކާއާއި އެެހެން ގައުމުތައް ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދެކޮރެއާގެ އިގުތިސާދުގެ ތަފާތަކީ ކޮބާ؟

ދެކޮރެއާ އުފެދުނު ހަނގުރާމަ 1953 ވަނަ އަހަރު ނިމުނު އިރު އެމެރިކާގެ ބައިވެރިއެއްގެ ގޮތުގައި އޮތް ދެކުނު ކޮރެެއާއިން އިހުތިޔާރުކުރީ ކެޕިޓަލިސްޓް ފަލްސަފާއެވެ. އެގައުމު މިހާރު ވެފައި ވަނީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ގައުމަށެވެ.

މުހިއްމު ބައެއް އަދަދުތައް

އާބާދީ:

ދެކުނު ކޮރެއާގައި: 51.2 މިލިޔަން - އުތުރުކޮރެއާގައި: 25.4 މިިލިޔަން މީހުން
ޖީޑީޕީ: ދެކުނުކޮރެއާގައި : 1.4 ޓްރިލިއަން ޑޮލަރު. އުތުރުކޮރެއާގައި: 20 ބިލިޔަން ޑޮލަރަށް ވުރެ މަދު
މީހުން ދުނިޔޭގައި އުޅޭނެ ކަމަށް ލަފާކުރާ އުމުރު: ދެކުނުކޮރެއާގައި: 82 އަހަރު. އުތުރުކޮރެއާގައި 70 އަހަރު

ކެޕިޓަލިސްޓް ފަލަސްސަފާ އިހުތިޔާރު ކުރި ދެކުނުކޮރެއާއަކީ މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ 20 އިގުތިސާދުގެ ތެރޭގައި ހިމެނޭ އިގުތިސާދެކެވެ. އެގައުމުގެ ޖީޑީޕީއަކީ 1.4 ޓްރިލިއަން ޑޮލަރެވެ. އެކަމަކު ކޮމިއުނިސްޓް ފަލްސަފާ އިހުތިޔާރުކުރި އުތުރުކޮރެއާގެ ޖީޑީޕީ 20 ބިލިޔަން ޑޮލަރަށް ވުރެ ދަށެވެ. އެގޮތުން ދުނިޔޭގެ ރަނގަޅު 100 އިގުތިސާދުގެ ތެރޭގައި ވެސް އެގައުމު ނުހިމެނެއެވެ.

ނަމަވެސް އުތުރުކޮރެއާއިން މިހާރު އަންނަނީ މަޑުމަޑުން ކެޕިޓަލިސްޓް ނިޒާމާ ދިލާމަށް އެނބުރެމުންނެވެ. ކިމް ވިދާޅުވަނީ އޭނާ އިސްކަންް ދެއްވާނީ ތަަރައްގީއަށް ކަމަށެވެ.