ފިނިޕޭޖް

އިބޫ އާއި އަޒޫގެ ދެމެދަށް މިވަނީ ކާކު؟

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭ ފެށެން މިހާރު މި ވަނީ ވަގުތު ކުޑަތަންވެފަ އެވެ. މިރޭ ނުވައެއް ޖަހާއިރު ގްރޭންޑް ފިނާލޭ ފަށާއިރު ބެލުންތެރިން ތިބީ ޓައިޓަލް ގެންދާނީ ކޮން ބައިވެރިއެއްތޯ ބަލާލުމަށް ކެތްމަދުވެފަ އެވެ.

ފިނާލޭއަށް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނައިރު ބެލުންތެރިން ހަމަ އެވަގުތަށް އިންތިޒާރުކުރާ އެހެން ސަބަބެއްވެސް އެބަ އޮތެވެ. އައިޑޮލް އިޝްތިހާރު ވަގުތުތަކުގައި ބެލުންތެރިންގެ ހިތަކަށް ހިނިތުންވުން ގެނެސްދޭ ދެމަފިރިން ކަމަށްވާ އިބޫ އާއި އަޒޫގެ ލޯބީގެ ވާހަކަ ނިނޭމީ ކިހިނަކުންތޯ ބަލާލުމަށެވެ.

ގާލާ ރައުންޑުން ފެށިގެން އިބޫއާއި އަޒޫގެ ހެއްވާ މަޖާ އަދި ލޯބީގެ އިޝްތިހާރުތައް އަންނަނީ އެޕިސޯޑުތަކަށް ބަހާލައިގެން ދައްކަމުންނެވެ. ވަރަށް ލޯބިން މި ޖޯޑު އުޅުމަށްފަހު އައިޑޮލްގެ ފައިނަލް ޕާފޯމަންސް ދެއްކި ރޭގެ އެޕިސޯޑުގައި ދެމީހުންގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭހެން ހީވި އެވެ.

އިބޫ ގުޅާ ގުޅާ އަޒޫ ފޯނުވެސް ނުނަގަ އެވެ. އިޝްތިހާރު ނިމޭނެ ތަނުން އަޒޫ ފެންނަނީ އެހެން މީހަކާ އެއްކޮށް ހުއްޓަ އެވެ. އައިޑޮލްގެ ފޯރި އެންމެ ގަދަ ޓުވިޓާގައިވެސް މީހުން ވަނީ އިބޫ އާއި އަޒޫއަށްވީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ. އެހާ ލޯބި ދެ މީހުން އުޅެފައި ވަކިވީބާ؟

ދިރާގުން ގެނެސްދޭ މި އިޝްތިހާރަކީ ގިނަ ބައެއް ލޯބި ލިބިފައިވާ އިޝްތިހާރުތަކެކެވެ. ދިރާގަކީ އައިޑޮލްގެ މި ސީޒަންގެވެސް ޓައިޓަލް ސްޕޮންސަރެވެ.

އިބޫ އާއި އަޒޫގެ ދެމެދަށް މި ވަނީ ކާކުތޯ ބަލަން ދެންޖެހޭނީ ކުޑަ އިންތިޒާރެއް ކޮށްލާށެވެ.