ވީޑިއޯ ބްލޮގާ ނުސޭރް ޔާސިން ނުވަތަ މަޝްހޫރު ނަމުންނަމަ ނަސް ޑެއިލީ މިހާރު ހުރީ ރާއްޖޭގަ އެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ގޮސް އެއް މިނެޓްގެ ވީޑިއޯތައް ހަދައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ނަސް މި ފަހަރު މާލޭގައިވެސް ވީޑިއޯއެއް ނަގާނެ އެވެ.
އަންނަ ހުކުރު ދުވަހު ހަވީރު ޖުމްހޫރި މައިދާނުގައި ނަސް ނަގާ ވީޑިއޯގައި ބައިވެރިވާން ބޭނުންވާ މީހުނަށް އޭނާ ވަނީ އެ ފުރުސަތު ހުޅުވާލާފަ އެެވެ. ނަސްއަކީ ކޮންމެ ދުވަހަކު އެއް މިނެޓުގެ ވީޑިއޯއެއް ނަގައި އޭނާގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރަމުން އަންނަ މީހެކެވެ.
ނަސް، 25، މިހާރު ހުރީ އަޔާދާ މޯލްޑިވްސް ރިސޯޓުގަ އެވެ. އޭނާ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރު ކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް 400 ދުވަސް ވެއްޖެ އެވެ. އެއިން ކޮންމެ ދުވަހަކަށް އޭނާ އަންނަނީ ވީޑިއޯއެއް އާންމުކުރަމުންނެވެ.
ކޮންމެ ވީޑިއޯއެއްގައިވެސް އޭނާ ލައިގެން ހުންނަނީ ހަމަ އެއް ޓީޝާޓެކެވެ. އެ ޓީޝާޓުގައި އިންނަނީ 32 ޕަސެޓުގައި އިންނަ ބެޓެރިއެއްގެ ފޮޓޯއެކެވެ.
ދުނިޔޭގެ އެކި ހިސާބުތަކަށް ގޮސް ދަތުރުކުރަން ނަސް ފެއްޓީ އޭނާ އާދަކުރަމުންއައި 120 ހާސް ޑޮލަރުގެ އަގުބޮޑު ވަޒީފާވެސް ދޫކޮށްލާފަ އެވެ. ހާވާޑް ޔުނިވާސިޓީން ގްރެޖުއޭޓުވެފައިވާ ނަސް ވަޒީފާ އަދާކުރީ ޓެކްނޮލޮޖީގެ ވަރަށް މަތީ ކުންފުންޏެއްގަ އެވެ.
އިޒްރޭލީ އަރަބްއަށް ނިސްބަތްވާ ނަސް ވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ތަފާތު ވީޑީއޯތައް އެކި ގައުމުތަކުގައި ނަގައި ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގެންފަ އެވެ.
ނައިޖީރިއާ، މިޔަންމާ، ފިލިޕިންސް އަދި މައުންޓް ފުޖީފަދަ ގައުމުތަކަށްވެސް އޭނާ ވަނީ ގޮސްފަ އެވެ. އެކި ގައުމުތަކުގައި މީހުން އުޅޭ ގޮތާއި އެމީހުން ސަގާފަތާއި އާދަކާދަ އެއް މިނެޓުގެ ވީޑިއޯތަކުން އޭނާ އަންނަނީ ދައްކައި ދެމުންނެވެ. އޭނާގެ ވީޑިއޯތަކަށް 25 މިލިއަނަށްވުރެ ގިނަ ވިއުސްވެސް ލިބިފައިވެ އެވެ.