ދުނިޔެ

އެމެރިކާ ޑިޕްލޮމޭޓަކު ޕާކިސްތާނުގައި ހިފަހައްޓައިފި

ޕާކިސްތާނުގައި ހުންނަ އެމެރިކާ އެމްބަސީގެ ޑިފެންސް އަޓާޗޭ އެގައުމުން ފުރަން އުޅެނިކޮށްް ހިފަހައްޓައިފި އެވެ.

ޕާކިސްތާނުގެ ނޫސްތަކުން ބުނީ އެމެރިކާގެ ޑިފެންސް އަޓާޗޭ ކާނަލްް ޖޯސެފް ހޯލް އެގައުމުން ފުރުން މަނާކުރީ އޭނާ ދުއްވި ކާރަކުން ޖެހި ޕާކިސްތާނު ޒުވާނަކު މަރުވި މައްސަލައާ ގުޅިގެން ކަމަށެވެ. ކާނަލް ހޯލްގެ ޑިޕްލޮމެޓިކް އިމިއުނިޓީ (ޑިޕްލޮމޭޓަކަށް ވީތީ ހައްޔަރު ނުކުރެވޭ ގޮތަށް އޮންނަ އޮތުން) އުވާލަން ޕާކިސްތާނުން ކުރިން ވަނީ އެމެރިކާ ސަރުކާރުގައި އެދިފަ އެވެ. ނަމަވެސް އެކަމުގައި ގޮތެއް ނުނިންމައި އެމެރިކާއިން މަސައްކަތް ކުރީ އަސްކަރީ މަތިންދާބޯޓެއް ފޮނުވައިގެން އޭނާ ޕާކިސްތާނުން ގެންދިއުމަަށެވެ.

ކާނަލް ހޯލް ޕާކިސްތާނުން ގެންދަން އަފްޣާނިސްތާނުގައި އެމެރިކާއިން ކޮންޓްރޯލްކުރާ ވައިގެ މަރުކަޒެއް ކަމަަށްވާ ބަޣްރާމް އެއާބޭހުން ޕާކިސްތާނަށް އައި މަތިންދާބޯޓަށް އެރުމަށް އޭނާ އެއާޕޯޓަށް ވެސް ދިޔައެވެ. ނަމަވެސް ޕާކިސްތާނުގެ ކަމާ ބެހޭ އިދާރާތަކުން އޭނާ ހުއްޓުވުމުން އެ މަތިންދާބޯޓު ވަނީ އެނބުރި އަފްޣާނިސްތާނަށް ގޮސްފައެވެ.

ޕާކިސްތާނުގެ ނޫސްތަކުން ބުނީ ކާނަލް ހޯލް ޕާކިސްތާނުން ފުރަން އުޅުނު އުޅުމާއި އޭނާ މިހާރު ހުންނެވި ތަނަކާ ބެހޭ ގޮތުން އެމެރިކާ އެޗެއް ބުނަން އެމެރިކާ އެމްބަސީން ދެކޮޅު ހަދާ ކަމަށެވެ.

ކާލަން ހޯލް ދުއްވި ކާރަކުން ޖެހި އަތީގު ބާއިގް ނަމަކަށް ކިޔާ އުމުރުން 22 އަހަރުގެ ޒުވާނަކު މަރުވުމުން އޭނާ ޕާކިސްތާނުން ފުރުން މަނާކޮށްދިނުން އެދި އަތީގުގެ ބައްޕަ ޕާކިސްތާނުގެ ހައިކޯޓަަށް ހުށަހެޅި މައްސަލައިގައި އެކޯޓުން އެގޮތަކަށް ނުނިންމައެވެ. ނަމަވެސް އެކޯޓުން ޕާކިސްތާނު ސަރުކާރަށް އެންގީ ކާނަލް ހޯލްގެ ކަންތަކުގައި ދެހަފުތާ ތެރޭގައި ގޮތެއް ނިންމުމަށެވެ.

ޕާކިސްތާނަކީ އެމެރިކާއިން އަފްޣާނިސްތާނުގައި ކުރާ ހަނގުރާމައިގައި އެގައުމަށް މަދަދުކުރަމުން އަންނަ ގައުމެކެވެ. އެގޮތުން އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންނަށް ބޭނުންވާ ތަކެތި ގެންދަނީ ޕާކިސްތާނުމަގުންނެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ސަރުކާރުން ބުނަމުން ދަނީ ޕާކިސްތާނުން އަފްޣާނިސްތާނުގެ ތާލިބާނުންނަށް މަދަދުކުރާ ކަމަށެވެ. އެގޮތަށް ތުހުމަތު ކުރުމަށް ފަހު އެމެރިކާއިން ވަނީ ޕާކިސްތާނަށްދޭ އަސްކަރީ އެހީވެސް ކަނޑާލާފައެވެ.

ޕާކިސްތާނުން އެމެރިކާގެ ޑިޕްލޮމޭޓަކު ހިފަހައްޓާފައި މިވަނީ މިކަންތައްތަކާ ހެދި ދެގައުމުގެ ގުޅުން ވަރަށް ގޯސްވެފައިވާ ވަގުތެއްގައެވެ.