ދުނިޔެ

ޗައިނާއިން އުފެއްދި ފުރަތަމަ އެއާކްރާފްޓް ކެރިއާ ޓެސްޓް ކުރަނީ

ޗައިނާގައި އެ ގައުމުގެ އިންޖިނޭރުން އަމިއްލައަށް ފުރުތަމަ ފަހަރަށް ބަނދެގެން ބޭލި މަތިންދާބޯޓު އުފުލާ މަނަވަރު އަޖުމަ ބަލައިލުމުގެ ދަތުރެއް ފަށައިފި އެވެ. އަޖުމަބެލުމަށް ފަހު އަސްކަރީ ހަރަކާތްތަކަށް ނެރުމުން އެ މަނަވަރު ވެގެން ދާނީ ޗައިނާގަައި އެފަދަ ދެވަނަ މަނަވަރަށެވެ.

ޗައިނާ ސަރުކާރުގެ ޒިންހުއާ ނިއުސްއެޖެންސީން ބުނީ މަނަވަރުގެ ދަތުރު މިއަދު ހެނދުނު ފެށީ ޗައިނާގެ އިރުއުތުރުގައިވާ ލިއައޯނިން ޕްރޮވިންސްގެ ޑަލިއާން ނަމަކަށް ކިޔާ ރަށުގައިވާ ޝިޕްޔާޑުގެ ޑޮކުން ކަމަށެވެ. އަދި ބުނީ ދަތުރުގައި އެ މަނަވަރުގައި މަނަވަރުގެ އިންޖީނާއި އެހެން އިކްއިޕްމެންޓްތައް ޓެސްޓްކުރާނެ ކަމަށެވެ.

ފުރަތަމަ ކަނޑަށް ބޭލި އިރުވެއސް އަދި އަޖުމަ ބެލުމުގެ ދަތުރު ފެށި އިރުވެސް އާ މަނަވަރަށް ޗައިނާ ސަރުކާރުން އަދި ނަމެއް ނުދެއެވެ. އެ މަަނަވަރު ބަނުމުގެ މަސައްކަތް ފެށީ މިދިޔަ އަހަަރުގެ އޭޕްރިލްމަހުއެވެ. ޒިންހުއާ ނިއުސް ބުނީ މަނަވަރުގެ މަސައްކަތް ނިމި އަޖުމަބެލުމުގެ ދަތުރަށް ފެށޭވަރަށް ތައްޔާރުވީ ކުރިން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކަމަށެވެ.