ފިނިޕޭޖް

"ޑެޑްޕޫލް 2" ފޭން ސްކްރީނިން މިރޭ ޝުވެކްގައި

މާވެލް އިން މިހާރު އެންމެ ފޯރީގައި ސިނަމާތަކުގައި ދައްކަމުން އަންނަނީ އެ ސްޓޫޑިއޯއިން މިހާތަނަށް ގެނެސްދިން އެންމެ ބޮޑު ފިލްމު "އެވެންޖާސް: އިންފިނިޓީ ވޯ" އެވެ. އެ ފިލްމުގެ ފޯރިއަށް އަދިވެސް މަޑުޖެހުމެއް ނެތްއިރު، މާވެލް އިން މިހާރު މި ވަނީ އިތުރު ފިލްމެއްވެސް ސްކްރީނަށް ދޫކޮށްލުމަށް ތައްޔާރުވެފަ އެވެ.

މާވެލް އެންޓަޓެއިންމަންޓް އަދި 20އެތް ސެންޗުރީ ފޮކްސް ގުޅިގެން 2016 ވަނަ އަހަރު ގެނެސްދިން ފިލްމު "ޑެޑްޕޫލް" ގެ ދެ ވަނަ ފިލްމު މާދަމާ އާންމުކޮށް ރިލީޒްކުރާނެ އެވެ. ފިލްމު އާންމުކޮށް ރިލީޒްކުރުމުގެ ކުރިން ފޭނުންނަށް ހާއްސަ ޝޯއެއް މިރޭ މާލޭގެ ޝުވެކްގައި އޮންނާނެ އެވެ.

މި ޝޯގެ ޓިކެޓް މިހާރު ޝުވެކް އިން އަންނަނީ ވިއްކަމުންނެވެ. މި ހާއްސަ ޝޯގެ ޓިކެޓް ވިއްކަނީ 150ރ. އަށެވެ. ޝޯއަށްދާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ޑެޑްޕޫލް 2 މާޗަންޑައިޒްއެއް ހަދިޔާއަކަށް ދޭނެ އެވެ.

"ޑެޑްޕޫލް 2"ގެ ޓްރެއިލާ.

މާލޭގައި މާދަމާ ރޭ އާންމުކޮށް ފިލްމު ޕްރިމިއާކުރާނެ އެވެ. މީޑިއާއާއި ދައުވަތުދޭ އެކި ފަރާތަތަކަށް މާދަމާ ރޭ ޑެޑްޕޫލް 2 ދައްކާލުން އޮންނާނެ އެވެ. މާލޭގެ އިތުރުން ހުޅުމާލޭ ޝުވެކްގައިވެސް މި ފިލްމު ދައްކާނެ އެވެ. މިހާރު ވަނީ ފިލްމު ދައްކާ ދުވަސްތަކުގެ ޝެޑިއުލްވެސް ނެރެފަ އެވެ. ޓިކެޓް ބުކްކޮށް މިހާރު ޓިކެޓް ގަނެވޭނެ އެވެ.

މި ފިލްމު އެމެރިކާގައި އާންމުކޮށް ރިލީޒްކުރަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

މި ފިލްމުގައިވެސް ޑެޑްޕޫލް ނުވަތަ މާކް ވިތް އަ މައުތްގެ ރޯލުން ފެނިގެންދާނީ ރަޔަން ރޭނޮލްޑްސް އެވެ. ޑޮމިނޯގެ ރޯލުން ޒޭޒީ ބީޓްޒް ފެނިގެންދާނެއިރު ކޭބަލްގެ ރޯލުން ފެނިގެންދާނީ ޖޯޝް ބްރޯލިން އެވެ. ޖޯސް ބްރޯލިންއަކީ އެވެންޖާސްގައި ވިލަންގެ ރޯލުން ފެނިގެންދާ ތޭނޯސްގެ ރޯލު ކުޅޭ އެކްޓަރެކެވެ.