ދުނިޔެ

އައިއެސް އާއި މުސްލިމު އިލްމުވެރިންގެ އޮންލައިން ހަނގުރާމަ

އެއް ފަޅީގައި މި ތިބީ 1400 އަހަރުގެ ދިގު ތާރީޚެއް އޭގައި އޮތް ބޮޑު ހަޟާރަތެއްގެ ހައްގުގައި ނުވަތަ ދިފާއުގައި ވާހަކަ ދައްކާ ބައެކެވެ. އެއީ މުސްލިމު ދީނީ އިލްމުވެރިންނެވެ.

އަނެއް ފަޅީގައި މި ތިބީ އަމިއްލަ އަށް އިސްލާމީ ހިލާފަތެއް އިއުލާނުކޮށް އިސްލާމީ ހަޟާރަތާއި އޭގެ ރިވެތި އަދަބުތަކާއި އުސޫލުތައް ފުނޑުފުނޑުކޮށް އަމިއްލަ އަށް ހުއްދަކޮށްގެން އުޅޭ ހަރުކަށި އަދި އަނިޔާވެތި އަމަލުތަކެއް އިސްލާމް ދީނުގެ ތެރެއަށް ވެއްދުމަށް މަސައްކަތްކުރާ ބައިގަނޑެކެވެ. އެއީ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އެވެ.

އެމީހުންގެ މި ޕްރޮޕެގެންޑާ ވީޑިއޯތަކާއި އެހެނިހެން މެސެޖުތަކާ އެކު މުޅި އިންޓަނެޓު ކައްކަމުން ގެންދާއިރު އިސްލާމް ދީނުގެ ހިމާޔަތުގައި ތިބި ދީނީ އިލްމުވެރިންނަށް ވެސް މިއަދު މަޖުބޫރުވެފައި ވަނީ މި މައިދާނަށް ނުކުމެ އައިއެސްއާ ކުރިމަތިލާށެވެ.

އޭގެ ނަތީޖާ އަކީ ޑިޖިޓަލް ޒަމާނުގެ ސަގާފީ އަދި ދީނީ ބޮޑު ހަނގުރާމައެކެވެ.

އިންޓަނެނުގައި ކުރިއަށް ދާ މި ކުރިމަތިލުމުގައި ނުވަތަ ރޭހުގައި ފާހަގަކޮށްލަން ޖެހެނީ މުސްލިމުންގެ ދީނީ އިލްމުވެރިންނަށް ވުރެ ކުރީގައި، ހައްދުފަހަނަޅާފައި މި އޮތް އިސްލާމިކް ސްޓޭޓްގެ އިލްމުވެރިން ތިބި ކަމެވެ. އެމީހުންގެ ޕްރޮޕެގެންޑާ ވީޑިއޯތަކާއި މެސެޖުތައް ގިނަވެފައިވައި އޭގެ ކޮލިޓީ މޮޅުވެފައި އޭގެ އަވާގައި ޖެހޭ މީހުން ވެސް ހަލުވިކަމާ އެކު އިތުރުވަމުން އަންނަ ކަމެވެ.

އެކަމަކު ހަގީގަތަކީ ސޯޝަލް މީޑިއާގެ މި ޒަމާނުގައި މުސްލިމުންގެ ދީނީ އިލްމުވެރިން އައިއެސްގެ ފިކުރާ ދެކޮޅަށް ހަމައެކަނި ޓްވީޓްކޮށްލަކޮށްލަ ތިއްބެވިޔަސް މި ހަނގުރާމައެއް ކާމިޔާބުކުރެވިދާނެ ކަމެވެ. އަދި އަނެއް ހަގީގަތަކީ މުސްލިމު ދީނީ އިލްމުވެރިންގެ ބަލި ފަޔަކީ އިންޓަނެޓާއި ޒަމާނީ ޓެކްނޮލޮޖީކަން ދަނެ އެ މައިދާނުގައި އައިއެސްގެ ސިކުނޑިތައް ވަކި ހިއްޕާލާފައިވާ ކަމެވެ.

ނަމަވެސް އައިއެސްގެ މި މުސީބާތުން މުސްލިމު އުންމަތް ސަލާމަތްކުރުމުގެ ކެމްޕޭން މި ވަނީ އެންމެފަހުން އިންޓަނެޓްގެ މި މައިދާނުގައި ވެސް ނިކަން ގަދަ އަށް ޖައްސަން ފަށައިފަ އެވެ.

އެގޮތުން އުރުދުންގެ އެންމެ އިސް އިމާމު، އަބްދުލް ކަރީމް ހަސައުނީހްގެ އިރުޝާދާ އެކު އެ ބޭފުޅާގެ ޑިޕާޓްމަންޓުން އައިއެސްއާ ދެކޮޅަށް އޮންލައިންކޮށް ފަށާފައިވާ ކެމްޕޭން ފާހަގަކޮށްލެވެ އެވެ. ނަމަވެސް މި ކެމްޕޭނުގައި މުސްލިމު އިލްމުވެރިން ތިބީ އައިއެސް އަށް ވުރެ އެތައް ގުނައެއް ފަހަތުގައި ކަމަށް އުރުދުންގެ މުފްތީ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"ހަގީގަތް ގަބޫލުކޮށް ވާހަކަ ދައްކާ ނަމަ ބުނަން ޖެހެނީ ސޯޝަލް މީޑިއާގައި މުއާމަލާތުކުރުމުގައި އައިއެސް އިން ވަރަށް ބޮޑު ތަޖުރިބާ އަކާއި ކުރިއެރުމެއް ހޯދާފައިވާ ކަމަށް. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އައިއެސް އިން އެ ހިންގާ ވަރުގެ ހަރަކާތެއް އުރުދުން އަށް އެކަނި ޖެއްސިދާނެ ކަމަކަށް ވެސް،" ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އިސް އިމާމު އަބްދުލް ކަރީމް ވިދާޅުވެފައި ވަނީ މިހެންނެވެ.

އުމުރުން ދުވަސްވެފައިވުމުން އަރާފައިވާ ޒަމާނުގެ ކޮށިކަމާ އެކު އަމިއްލަ އަށް އޮންލައިންވެ ވަޑައިގަތުމަކީ ޚުދު އުރުދުންގެ މުފްތީ އަށް ވެސް ފަސޭހަކަމެއް ނޫނެވެ.

"މުސްކުޅި ވެފައި ތިބި މީހުންނަށް ވުރެ ބޮޑަށް މިކަމުގައިއުޅެވޭނީ ޒުވާން ޖީލަކަށް،" މުފްތީ ވިދާޅުވީ މިހެންނެވެ. 

އެ ބޭފުޅާގެ ވާހަކަ އަކީ ހަގީގަތެކެވެ. އައިއެސްއާ ގުޅިފައިވާ ޒުވާން ސިކުޑިތައް ދަނީ އެކަން ވެސް ސާބިތުކޮށްދެމުންނެވެ.

ލަފާކުރެވޭ ގޮތުން އައިއެސް އިން އެމީހުންގެ ޕްރޮޕެގެންޑާ އަށް ހާއްސަކޮށްގެން 46،000 ޓްވިޓާ އެކައުންޓް ހުޅުވާފައި އެބަހުއްޓެވެ.

މި އަދަދާ ވާދަނުކުރެވުނަސް އުރުދުންގެ ދީނީ އިލްމުވެރިންގެ ޓީމަކުން ދަނީ ސޯޝަލް މީޑިއާގައި އައިއެސްގެ މައްޗަށް ކުރި ހޯދުމަށް ރެއާއި ދުވާލު މަސައްކަތްކުރަމުންނެވެ.

އެގޮތުން އެމީހުން ވަނީ ވަރުބަލިކަމެއް ނެތި ޒަމާނުގެ ރަހަތަކާ އެއް ހަމައެއްގައި މަސައްކަތްކުރެވޭ ވަރުގެ ޒުވާން ދީނީ އިލްމުވެރިންގެ ޓީމެއް މިކަމަށް ހާއްސަކޮށްގެން އެކުލަވާލައިފަ އެވެ. އެމީހުންގެ މަސައްކަތަކީ ފޭސްބުކާއި ޓްވިޓާ ފަދަ އާންމުންގެ މަގްބޫލުކަން ލިބިފައިވާ ސޯޝަލް މީޑިއަމްތަކަށް އައިއެސްއާ ދެކޮޅު ފިކުރު ވިއްކުމެވެ.

"މިއީ މިއަދުގެ ދުނިޔެ މުއާމަލާތުކުރާ މައިދާނަކީ. މީގެ އެތައް އަހަރެއް ކުރިން އަޅުގަނޑުމެން ކަމަކާ ބެހޭ ގޮތުން ކަނޑައެޅިފައި އޮތް ގޮތެއްގެ ވާހަކަ މީހުންނަށް ކިޔައިދޭން ބޭނުން ވެއްޖެ ނަމަ ޖެހެނީ އޭގެ އެތައް ކޮޕީއެއް ޕްރިންޓްކުރަން،" އުރުދުންގެ ދީނީ އިލްމުވެރިންގެ ޓީމުން އައިއެސްއާ ދެކޮޅަށް ކުރިއަށް ގެންދާ ކެމްޕޭނުގެ ޒުވާން އިސް އިލްމުވެރިޔާ ޑޮކްޓަރު ޖާމިލް އަބޫ ސާރާ ވިދާޅުވެފައި ވަނީ މިހެންނެވެ.

"މިއަދު އޮންލައިންކޮށް 100،000 މީހުންނަށް ވެސް ވާސިލުވާންވީ. އަޅުގަނޑުމެންގެ އޯޑިއެންސް މި ވަނީ ދުނިޔެ އަށް ފެތުރިފައި. އެހެންވީމަ އަޅުގަނޑުމެން މިހާރު މި ދަނީ ފަތުވާތައް އިނގިރޭސި ބަހަށް ވެސް ތަރުޖަމާކުރަމުން."

ނަމަވެސް އައިއެސް އިން ވަނީ އިންޓަނެޓުގައި ރަސްކަން ކުރަމުން ދަނީ އެމީހުންކަން އެންގުމަށް ވެސް އިތުރު ކެމްޕޭނެއް ފަށައިފަ އެވެ. އެގޮތުން އުރުދުން ސަރުކާރުގެ ބެލުމުގެ ދަށުން އެމީހުންނާ ދެކޮޅަށް ހިންގާ މި ކެމްޕޭނަށް އޮންލައިންކޮށް ހަމަލާ ދިނުން ވެސް އައިއެސް ވަނީ ފަށައިފަ އެވެ.

އައިއެސް އިން އެމީހުންގެ ކެމްޕޭން ވަރުގަދަކޮށް ރޭހުގެ ކުރީގައި ހިފެހެއްޓުމަށް މަސައްކަތްކުރަމުން އަންނައިރު ސައޫދީ އަރަބިއްޔާ އިން ވެސް އައިއެސްއާ ދެކޮޅު ބޮޑު ކެމްޕޭނެއް މިފަހުން ފަށާފައިވެ އެވެ. ސޯޝަލް މީޑިއާގެ ބަދަލުގައި ސައޫދީން ކުރިއަށް ގެންދަނީ ޓީވީ ކެމްޕޭނެކެވެ.

ގާތްގަނޑަކަށް 40 ޓީވީ ޗެނަލް ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭނަކީ އައިއެސްގެ ފިކުރާ ގުޅޭ ސުވާލުތަކަށް ދީނީ މަޝްހޫރު އިލްމުވެރިން ޖަވާބު ދޭ ކެމްޕޭނެކެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތުގެ އިމާމުން ގުޅިގެން އައިއެސްއާ ދެކޮޅަށް ނެރޭ މަޝްހޫރު މަޖައްލާ "ހަގީގަތް" މިއީ ވެސް އައިއެސްގެ ޕްރޮޕެގެންޑާގެ މައްޗަށް ކުރި ހޯދުމަށް މުސްލިމު އިލްމުވެރިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަމެކެވެ.