ދުނިޔެ

މެލޭޝިޔާއިން އަންވަރު އިބްރާހިމްއަށް މާފުދީ ދޫކޮށްލައިފި

May 16, 2018

މެލޭޝިއާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބު އަންވަރު އިބްރާހިމަށް އެ ގައުމުގެ ރަސްގެފާނު މާފު ދެއްވައި އޭނާ މިއަދު މިނިވަންކޮށްފި އެވެ.

ދާދި ފަހުން ބޭއްވުނު މެލޭޝިޔާގެ އާންމު އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީ، ކެދިލާން ރަކިއަތު (ޕީކޭއާރު) ޕާޓީގެ ލީޑަރު އަންވަރު އިބްރާހިމް މިނިވަންކޮށް ދޫކޮށްލާފައި ވަނީ މިއަދު ހެނދުނު މެލޭޝިޔާ ގަޑިން ހެނދުނު 11:30 ގައެވެ. ބަންދުގައި ހުންނަވަނިކޮށް ކުރިމަތިވި އާލާސްކަންފުޅެއްގައި ކުއާލަ ލަމްޕޫރުގެ ޗެރަސް ރިހެބިލިޓޭޝަން ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދެވި އަންވަރު ވަނީ އޭނާ މިނިވަން ވުމާއެކު ހޮސްޕިޓަލުން ބޭރަށް ނިކުމެ ވަޑައިގެން އެ ސަރަހައްދަށް އެއްވެފައިވާ މީހުންނާ އަތުން ހަނާ އަޅުއްވައިފަ އެވެ. ހޮސްޕިޓަލްގެ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަން އަންވަރު ނިންމަވާފައިވީ ނަމަވެސް ފަހުން އެ ނިންމުން ވަނީ ބަދަލު ކުރައްވައިފަ އެވެ.

މިނިވަނެއްގެ ގޮތުގައި ހޮސްޕިޓަލުން ބޭރަށް ނިކުމެ ވަޑައިގަތުމަށް ފަހު އަންވަރު ވަނީ، އެސްޔޫވީއެއްގައި އެ ސަރަހައްދުން ވަޑައިގެންފަ އެވެ. އަންވަރުގެ ޕީކޭއާރް ޕާޓީ އިން ބުނީ، އަންވަރު އެންމެ ފުރަތަމަ ވެސް ވަޑައިގަންނަވާނީ ޝާހީ ގަނޑުވަރަށް ކަމަށާއި ރަސްގެފާނާ ބައްދަލު ކުރައްވާނެ ކަމަށެވެ. ޝާހީ ގަނޑުވަރުން އަންވަރަށް މާފު ދެއްވި އިރު އޭނާ ގެންދެވީ ހަ އަހަރުގެ ޖަލު ހުކެމެއް ފުރިހަމަ ކުރައްވަމުން އެވެ.

ރަސްގެފާނާއި ބޮޑު ވަޒީރު މަހާތީރާއެކު ބާއްވާ ބައްދަލުވުމަށް ފަހު އަންވަރު ދެން ވަޑައިގަންނަވާނީ، އޭނާގެ އަމިއްލަ ގެކޮޅަށެވެ. އެއަށް ފަހު މިއަދި ހަވީރު 4:00 ޖަހާއިރު އޭނާގެ ގެކޮޅުގައި ނޫސްވެރިނާ ބައްދަލު ކުރައްވާނެ އެވެ. އަދި މިރޭގެ ތަރާވީހު ނަމާދަށް ފަހު، ޕާޓީގެ ރެލީއެއްގައި އަންވަރު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އަންވަރުގެ ލޯޔަރުން ބުނީ، އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެއްކޮށް މާފުކޮށް ދޫކޮށްލުމާއެކު އޭނާއަށް މިހާރު ހުރިހާ ސިޔާސީ ހަރަކާތްތަކެއްގައި ވެސް އެންމެ ފުޅާދާއިރާއެއްގައި ވެސް ބައިވެރިވެވޭނެ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ހަ ހަފްތާ އަންވަރު ގޭގައި އާއިލާޔާއެކު ވަގުތުތަކެއް ހޭދަކުރައްވާނެ ކަމަށް ލޯޔަރުން ބުންޏެވެ. އަދި އެއަށް ފަހު، ގާނޫނީ ހަދާ މަޖިލީހަށް އަންވަރު އިންތިހާބު ކުރުމުގެ މަސައްކަތް އޭނާގެ ޕާޓީ އިން ކުރާނެ ކަމަށް ވެސް ލޯޔަރުން ވަނީ ބުނެފަ އެވެ.