ވިޔަފާރި

ދިރާގު ރޯދަ ޕްރޮމޯޝަން މިފަހަރުވެސް ވަރަށް ސަޅި

ދިރާގުން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ބޮޑެތި އިނާމް ތަކަކާއެކު ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގް ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެޑްވަޓައިޒިން އެންޑް އިވެންޓްގެ އެސިސްޓެންޓް މެނޭޖަރު ހަސަން ސާރިހް އާދަމް ވިދާޅުވީ، ދިރާގަކީ ކަސްޓަމަރުންނަށް އެންމެ މަގުބޫލު ޕްރޮމޯޝަން ތަކެއް އަބަދުވެސް ގެންނަ ފަރާތެއް ކަމަށާއި މިފަހަރުވެސް ވަރަށް ހާއްސަ ޕްރޮމޯޝަނެއް އޮންނާނެ ކަމަށެވެ.

ދިރާގުން ހިންގާ ޕްރޮމޯޝަން ތައް

ރޯދައަށް ހާއްސަ ޑޭޓާ ޕެޖޭކްތައް

ރޯދަ މަހަށް ހާއްސަކޮށް ދިރާގުން ދެ ޕެކޭޖެއް ތައާރަފް ކޮށްފައި ވެއެވެ. އެޕެކޭޖް ތަކަކީ 120 ރުފިޔާ އަށް 1.5 ޖީބީ އާއި 250 ރުފިޔާ އަށް ހަތަރު ޖީބީ ލިބޭ ޕެކޭޖެސް ތަކެކެވެ. ޑޭޓާ ބަންޑަލްތައް އެކެޓިވޭޓްކޮށްގެން ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރަން އެއް ޖީބީ މުޅިން ހިލޭ ލިބޭނެ ކަމަށާއި މި ޑޭޓާ ބަންޑަލް ތަކުގެ މުއްދަތަކީ 30 ދުވަހެވެ. #8*123* އަށް ގުޅުމުން މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެވޭނެ އެވެ.

ދިރާގުން ބުނީ، ކަސްޓަމަރުން އެ ޑޭޓާ ނެގުމަށް ކުރާ ހަރަދުގެ %10 ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަށް ހަދިޔާ ކުރެވިގެންދާނެއެވެ.

އިންސްޓާގްރާމް ފޮޓޯ މުބާރާތް

ދިރާގުން އިންސްޓަގްރާމަށް ހާއްސަކޮށްގެން ބާއްވާ "ރޯދަ މޫމެންޓްސް" ޕްރޮމޯޝަނުގައި އިންސްޓަގްރާމްގައި #RoadhaMoments ހޭޝްޓެގް ޖެހުމަށްފަހު ރޯދައިގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް "ގޯޕްރޯ ހީރޯ 6" ލިބޭނެ އެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އިންސްޓަގްރާމް އެކައުންޓް ޕަބްލިކް އެކައުންޓަކަށް ހަދަން ޖެހޭނެ އެވެ.

މިއީ ކޯންޗެއް؟ - ޓްވިޓާ ކޮންޓެސްޓް

ޓްވިޓާ އަށް ހާއްސަކޮށްގެން ބާއްވާ ކޮންޓެސްޓް ގައި ދިރާގުން ކޮންމެ ރެޔަކު 10 ޖަހާއިރު ޓްވިޓާގައި މްކްރޯ ފޮޓޯއެއް ޕޯސްޓްކުރާނެއެވެ. އެ ޕޯސްޓް ކުރުމަށްފަހު 10- 12 ދެމެދު #Meekoacheh ހޭޝްޓެގް ޖައްސަވާފައި ޖަވާބު ދިމާ ކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. މި ކޮންޓެސްގައި ކޮންމެ ހަފްތާއަކު އެންމެ ގިނަ ރަނގަޅު ޖަވާބު ޓްވީޓް ކުރާ ފަރާތަކަށް ފަސް މީހަކަށް ސީހައުސް ރެސްޓޯރެންޓުން ރޯދަ ވީއްލުމެއް ލިބޭނެ އެވެ.

ދިރާގު ކަސްޓަމަރުންނަށް އުމްރާ ދަތުރެއް

ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަންގައި އަލަށް ދިރާގަށް ވަންނަ ކަސްޓަމަރުންނަށްވެސް ފުރުސަތު ލިބިގެންދާނެ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ ސައުދީއަށް ގުޅޭނެ ހާއްސަ ރޭޓެއް ހަމަޖައްސާފަ އެވެ. އެގޮތުން ރާއްޖެއިން ސައުދީ އަށް 1.88 ލާރިއަށް ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. ސައުދީއަށް ގުޅުމަށް 00 ގެ ބަދަލުގައި 019 ޖެހުމަށް ފަހު ގުޅުމުން އެ އަގުގައި ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މިދިޔަ އަހަރު ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދި "ދިވެހިންގެ ރަހަ" މިއަހަރުވެސް އޮންނާނެ ކަމަށެވެ. ދިވެހި ރަހަ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ފެނިފެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ޕްރިޕެއިޑް މުދުވެރިކޮށް އެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ ގޮތް ހަދާފަ އެވެ. އަދި ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ގެންދާނެ އެވެ. މި ހިދުމަތްތައް އެކްޓިވޭޓް ކުރުމަށް ގުޅަން ޖެހޭނީ #8*123* އަށެވެ.