ސިއްހަތު

ދެރަވެގެން ގޮސް ހިތްފެޅިދާނެތަ؟

މިއީ އާންމުކޮށް ބިންމާ އިބްރާހިމް ވަހީދާއި ފާތިމަތު ނަހުލާމެންގެ ވާހަކަތަކުގައިވާ ގޮތެކެވެ. މިކަން ގިނަ ބަޔަކު ގަބޫލުކުރަނީ މިހެންނެވެ. ނަމަވެސް ހަގީގަތް އޮތް ގޮތް ބަލާލަމާ ހިނގާށެވެ.

1986 ވަނަ އަހަރުގެ ވާހަކައަކުން ފަށަމާ ހިނގާށެވެ.

އުމުރުން 44 އަހަރުގެ އަންހެނަކު އެމެރިކާގެ މާސަޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލުގައި ކުއްލި ގޮތަކަށް އެޑްމިޓްކުރީ "ހިތް ފަޅައިގެންދާ" ވަރުގެ ވޭނެއް އޭނާގެ ހިތުގައި އަޅާތީ އެވެ. އޭގެ ކުރިން ދުވަހުގެ ހުރިހާ ވަގުތެއްގައި ވެސް އޭނާ ހުރީ ގަދަވެ ސަލާމަތުންނެވެ.

ކުއްލިއަކަށް މި އަންހެން މީހާ އަށް ދިމާވި ގޮތަކީ ސީދާ ހާޓު އެޓޭކެއްގެ އެންމެ އާންމު ސިފަ އެވެ. ނަމަވެސް ޑޮކްޓަރުން ހައިރާންކޮށްލި ކަމަކީ މި އަންހެން މީހާ، ހިތުގެ މައްސަލަ ހުންނަ މީހަކަށް ނުވުމެވެ. އެފަދަ ތާރީޚެއް ވެސް އޭނާގެ ކިބައިގައި ނެތުމުންނެވެ. އަދި ފުރާނަ އަށް ނުރައްކާވާވަރުގެ މައްސަލައެއް ނުވަތަ ބެދިފައިވާ މައި ނާރެއް ވެސް ހިތުގެ ވަށައިގެން ނެތުމެވެ.

ނަމަވެސް ފެންނަ ފެނުމަށް އެއީ ހާޓު އެޓޭކެކެވެ. އެކަމަކު ހަގީގަތަކީ އެއެއް ނޫނެވެ.

 

ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި މި އާދަޔާހިލާފު ކޭސް ތަފްސީލުކޮށްދިނުމަށް ޝާއިއުކޮށްފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އަންހެން މީހާގެ ހިތުގެ މަސްތަކަށް ގެއްލުން ލިބުމުގެ އަސްލު ގުޅިފައި ވަނީ ފުން ހިތާމަތަކާ ކަމަށެވެ.

އެހެންވީމަ މި އަންހެން މީހާގެ ފުން ހިތާމަ އަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ހިތް "ފަޅައިގެންދާ ވަރުގެ" ހިތާމަ އަކީ ކޮބައި ހެއްޔެވެ؟

ބަލިވެގެން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާ އަށް ލިބުނު ޚަބަރެވެ. އޭނާގެ 17 އަހަރުގެ ފިރިހެން ކުއްޖާ އަމިއްލަ އަށް މަރުވި ޚަބަރު ލިބުނީ އެވެ.

މާސަޗޫސެޓްސްގެ ހޮސްޕިޓަލުގައި ހިނގި މި ހާދިސާ އަކީ އެތަނުގެ ޑޮކްޓަރުން ސިއްސުވާލި ކަމެކެވެ. ނަމަވެސް އެކަން އޮތީ މާ ގިނަ ބަޔަކަށް ނޭނގި އެވެ. އަދި ދެން އައި އަހަރުތަކުގައި ވެސް ހިތުގެ ތަޖުރިބާކާރުން މި ވާހަކަ ގަބޫލެއް ނުކުރި އެވެ.

ހިތާމައެއްގެ ސަބަބުން މީހެއްގެ ހިތްފަޅައިގެން ގޮސްދާނެ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރި އެވެ. ހިތުގެ ތަޖުރިބާކާރުންގެ ޝައުގުވެރިކަން ދިނީ ހިތުގެ ހާއްސަ ބަލިތަކަށެވެ.

މި ކަންތައް މިހެން އޮއްވައި މި މައްސަލަ އަލުން ހިލުވާލި ބަޔަކީ ޖަނަވާރުންނަށް ފަރުވާ ދޭ ސިއްހީ ތަޖުރިބާކާރުންނެވެ. ފުން ހިތާމައިން ކުރާ ނޭދެވޭ އަސަރުގެ ގެއްލުން ހިތާ ހަމަ އަށް ފޯރާކަން ހެކިތަކާ އެކު ފުރަތަމަ ހޯދީ ވައިލްޑް ލައިފް ބަޔޮލޮޖިސްޓުންނާއި ވެޓެރިނޭރިއަރުންނެވެ.

ޖަނަވާރުންގެ މެދުގައި މި މައްސަލަ އޮންނަކަން އެމީހުން ހޯދީ 20 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ. އެމީހުންގެ މި ހޯދުމުން އެނގުނީ ހިތްބަންޑުންވާ ވަރުގެ އުފާވެރިކަމެއް ނުވަތަ ހިތުގައި ވޭން އަޅާ ވަރުގެ ފުން ހިތާމައެއް ނުވަތަ ބިރުވެރިކަމެއް ވެރިވާ ހިނދު ޖަނަވާރުންގެ އެތެރޭގެ ދިރުމަށް އާދަޔާހިލާފު ބަދަލުތަކެއް އަންނަ ކަމެވެ.

މިފަދަ ބައެއް ހާލަތްތަކުގައި، ދައުރުވާ ލޭ ވިހައެއްހާ ގެއްލުން ބޮޑު އެއްޗަކަށް ބަދަލުކޮށްލާ ކަމެވެ. އަދި މަސްތަކަށް ގެއްލުން ލިބި ހިތަށް ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެވެ. އިހްސާސްތައް ބަންޑުންގެ ފުރާނައަށް ނުރައްކާވާ މި ހާލަތަކީ "ކެޕްޗާ މިޔޯޕަތީ" އެވެ.

 

ޖަނަވާރުންނަށް ފަރުވާ ދޭ ތަޖުރިބާކާރުންގެ މެދުގައި މި "ހާލަތަކީ" 1974 ވަނަ އަހަރު އައިއިރު ވަރަށް ވެސް މަޝްހޫރު މައްސަލައެކެވެ. އެންމެފަހުން މި މައްސަލަ އިތުރަށް ދަސްކުރުމަށް ދިރޭ ޖަނަވާރުތައް ޓެސްޓްތަކުގައި އަމަލީ ގޮތުން ބައިވެރިކުރަން ފެށީ އެވެ.

އޭރު ވެސް ހިތުގެ ޑޮކްޓަރުން ތިބީ މާސެޗޫސެޓްގެ ހޮސްޕިޓަލުގައި ހިނގައިދިޔަ ހާދިސާގެ ބަހުސްގަ އެވެ. ކަންބޮޑުވުމާއި ފުން ހިތާމައިން ހިތް "ފަޅައިގެން" ހިނގައިދާނެ ކަމުގެ ހެކިތަކާ އެކު އޭރު ވެޓެރިނޭރިއަނުން އޭރު އަންނަނީ އެވެ.

ފާޅުވަމުން ދިޔަ ހެކިތަކާ އެކު މި މައްސަލަ އަށް ހިތުގެ ހާއްސަ ޑޮކްޓަރުންގެ މެދުގައި ސަމާލުކަމެއް ލިބުނީ 90ގެ މެދު ތެރޭގަ އެވެ. އިންސާނުންގެ މެދުގައި ކުރިއަށް ގެންދަން ފަށާފައިވާ ޓެސްޓްތަކުން އޭރު ވަނީ ހިތުގެ ތަޖުރިބާކާރުންނަށް ފުދޭ ވަރެއްގެ ހެކިތަކެއް ވެސް ހޯދިފަ އެވެ.

ދެން އައި އަހަރުތަކަކީ އިންސާނުންގެ މެދުގައި މި މައްސަލަ އޮތްވަރު ބަލައި ތަޖުރިބާކާރުން ވާނުވާ ހޯދި އަހަރުތަކެވެ.

ފުން ހިތާމައެއް ކުރިމަތިވެ ނުވަތަ އިހްސާސްތަކެއް ބަންޑުންވާ ހާލަތެއްގައި ހިތަށް ގެއްލުންތަކެއް ލިބި ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ރަސްމީކޮށް ކަނޑައަޅަން ފެށީ ގާތްގަނޑަކަށް 2005 ހިސާބުގަ އެވެ. ސިއްހީ ލިޔެކިޔުންތަކުން "ސްޓްރެސް ކާޑިއޯމިޔޯޕަތީ" ނުވަތަ "ބްރޯކެން ހާޓް ސިންޑްރޯމް" ފެންމަތިވީ އެ ހިސާބުގަ އެވެ.

އެހެންވީމަ، ހިތްފަޅައިގެންދާ ވާހަކަ އަކީ ބިންމާމެން ނަހުލާމެންގެ ވާހަކަތަކުގައި އަންނަ އަސްލެއް ނެތް ވާހަކައެއް ނޫނެވެ. ހިތާމައިގެ ކޯރަކަށް ގެނބިގެންދާ މީހެއްގެ ހިތް ފަޅައިގެން ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން މި ވަނީ ކަނޑައަޅައިފަ އެވެ.

ހިތް ބަލި މީހުންނާ ކުޅެން ނަހަދައްޗެވެ. ނޭގި ހުއްޓާ ފުރާނައަކާ ކުޅެވިދާނެ އެވެ.