ފިނިޕޭޖް

"ބާވޭޝް ޖޯޝީ ސުޕަހީރޯ" ރިލީޒްކުރުން ފަސްކޮށްފި

ފިލްމްގެ އޮފިޝަލް ޓްރެއިލާ.

މިއަހަރު ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ރިލީޒްކުރާ ތާރީހު ދަނީ ފަސްކުރަމުންނެވެ. ފިލްމުތައް ރިލީޒްކުރާ ތާރީހަށް އެންމެ ބޮޑު ބަދަލެއްއައީ މިދިޔަ އަހަރު ރިލީޒްކުރަން އޮތް ބޮޑު ފިލްމެއް ކަމަށްވާ ބަންސާލީގެ "ޕަދްމާވަތް"އަށް ގިނަ މައްސަލަތަކެއް ކުރިމަތިވެ މިއަހަރު ޖެނުއަރީގައި އެ ފިލްމު ރިލީޒްކުރަން ފަސްކުރަން ޖެހުމުން އެވެ.

އަނެއްކާވެސް މި ވަނީ ފިލްމެއް ރިލީޒްކުރަން ނިންމާފައި އޮތް ތާރީހަށް ބަދަލު އައިސްފަ އެވެ. ކަޕޫރް އާއިލާއިން ފިލްމީ ދާއިރާއަށް ތައާރަފުވާ ބަތަލް ހަރްޝްވަދަން ކަޕޫރްގެ ފިލްމު "ބާވޭޝް ޖޯޝީ ސުޕަހީރޯ" ރިލީޒްކުރާ ތާރީހު މިހާރު ވަނީ ފަސްކޮށްފަ އެވެ. ކުރިން މި ފިލްމު ރިލީޒްކުރަން ނިންމާފައި އޮތީ މި މަހު 25 ގަ އެވެ. ފިލްމު ރިލީޒްކުރުން ފަސްކޮށްފައި ވަނީ އަންނަ ޖޫން މަހުގެ އެއް ވަނަ ދުވަހަށެވެ.

ފިލްމު ރިލީޒްކުރުން ފަސްކުރީ އެ ތާރީހަށް ފިލްމު ފަސްކޮށްފިނަމަ ލިބޭނެ ތަރުހީބު ބޮޑުވާނެ ކަމަށް ފިލްމު އުފައްދާ ފަރާތްތަކަށް ގަބޫލުކުރެވޭތީ އެވެ. ޖޫން މަހު ފިލްމު ރިލީޒްކުރަން ފަސްކުރިއިރު ފިލްމު އަޅުވާނެ ދުވަސްތައްވެސް ވަނީ އިތުރުކޮށްފަ އެވެ.

މި ފިލްމުގެ ލަވައެއްވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. އެ ލަވާގައި ހަރްޝްވަދަންއާއެކު އޭނާގެ ދެބެންގެ ދަރި އަރްޖުން ކަޕޫރްވެސް ފެނިގެންދެ އެވެ. އެ ލަވައަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، ފިލްމު ޓްރެއިލާއަށްވެސް ވަނީ ރަނގަޅު ރިވިއުސްތައް ލިބިފަ އެވެ.

"ބާވޭޝް ޖޯޝީ ސުޕަހީރޯ" މީގެ ކުރިން ރިލީޒްކުރަން ނިންމާފައި އޮތް ތާރީހާއި ޖޯން އަބްރަހަމްގެ ފިލްމު "ޕަރްމާނު: ދަ ސްޓޯރީ އޮފް ޕޯކްރަން" ރިލީޒްކުރާ ތާރީހާއި ފުށުއަރަ އެވެ. ފިލްމު މިހާރު ރިލީޒްކުރަން ނިންމި ތާރީހާއެކު ހަރްޝްވަދަންގެ ދެބެންގެ ދަރި ކަރިނާ ކަޕޫރްއާއި ސޯނަމް ކާޕޫރްގެ ފިލްމު ރިލީޒްކުރާ ތާރީހަށް ފުށުއަރާނެ އެވެ.

މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި ޕްރިޔަންޝޫ ޕައިންޔޫލީ އަދި ނިޝިކަންތް ކަމަތް ހިމެނެ އެވެ. ޕްރޮޑިއުސްކުރަނީ އީރޯސް އިންޓަނޭޝަނަލް، ރިލައެންސް އެންޓަޓެއިންމަންޓް، ވިކާޝް ބާލް، މަދޫ މަންތޭނާ އަދި އަނޫރާގް ކަޝްޔަޕް އެވެ. ޑައިރެކްޓުކުރަނީ ވިކްރަމަނިއްޔާ މޮތްވާ އެވެ.