ފިނިޕޭޖް

ޝާހީ ކައިވެންޏަށް މިލިއަނެއްހާ މީހުން މަގުތަކަށް!

އިނގެރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީ އާއި އެމެރިކާގެ މަޝްހޫރު އެކްޓްރެސް މޭގަން މާކަލްގެ ކައިވެނީގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަނީ ފަށާފަ އެވެ. މި ބޭފުޅުން ކައިވެނި ކުރައްވާނީ ރާއްޖެ ގަޑިން މިއަދު ހަވީރު ފަހެއް ޖަހާއިރު އެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނި ބެލުމަށް އެތައް ހާސް ބަޔަކު މިހާރު ވެސް ވަނީ ޝާހީ ކައިވެނި ކުރާ ސަރަހައްދު، ވިންޑްސޯރް ގަނޑުވަރު ކައިރީ މަގުތަކުގައި ކިއު ހަދަން ފަށާފަ އެވެ. ރޭ ގިނަ ބަޔަކު ނިދީވެސް މަގުތައް މަތީގަ އެވެ.

މި ދެ ބޭފުޅުން ކައިވެނި ކުރައްވާނީ އެ ގަނޑުވަރުގައި ހުންނަ އެސްޓީ ޖޯޖް ޗާޗުގަ އެވެ. ޗާޗަށް މި ދެ ބޭފުޅުން ހާޒިރުވާނީ އިނގެރޭސިވިލާތުގެ ގަޑިން ހެނދުނު 11:40 ހާއިރު، ޝާހީ އަސްގާޑިޔާކޮޅުގަ އެވެ.

މީގެ ކުރިން ބޭއްވީ ޝާހީ ކައިވެނިތައް ބަލާލުމަށް ވެސް މަގުތައް މައްޗަށް އެތައް ބަޔަކު ނިކުމެފައިވެ އެވެ. ގަނޑުވަރުގެ އެތެރެއިން ކައިވެނި ބަލާލުމަށް އާންމުންގެ 1200 މީހަކަށް ދައުވަތުދީފައިވެ އެވެ. މި މީހުންގެ ތެރޭގައި ގިނައީ މުޖުތަމައުއަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ މީހުންނެވެ.

މިއީ މިހާ ގިނަ އަދަދެއްގެ އާންމުންގެ މީހުނަށް ޝާހީ ކައިވެންޏަކަށް ގަނޑުވަރުގެ އެތެރެއަށް ވަނުމުގެ ފުރުސަތުދިން ފުރަތަމަ ފަހަރުވެސްމެ އެވެ.

ރިޕޯޓުތައް ބުނާގޮތުން މިއަދުގެ ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި އާންމުން މިލިއަނެއްހާ މީހުން މި ކައިވެނި ބަލާލުމަށް މަގުތައް މައްޗަށް އެއްވާނެ އެވެ. ޗާޗުގެ އެތެރެއިން 600 މީހުނަށް ކައިވެނި ބެލޭނެއިރު މި ހަފްލާ ވަގުތު ޓީވީތަކުން ވެސް ދައްކާނެ އެވެ.

ޝާހީ އާއިލާއިން ކައިވެންޏަށް އެންމެފަހުން ހާޒިރުވެ ވަޑައިގަންނަވާނީ ރާނީ އެލިޒަބަތް ދެކެވެ. އެއީ އިނގެރޭސިވިލާތުގެ ގަޑިން 11:52 ގަ އެވެ.

ކައިވެންޏަށްފަހު ބާއްވާ ރިސެޕްޝަންގައި ދެ ފަރާތުގެ އާއިލާގެ ފަރާތުން 200 އެއްހާ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ހަފްލާ އޮންނާނީ ވިންޑްސޯރް ޝާހީ ގަނޑުވަރުގެ ފްރޮގްމޯ ހައުސްގަ އެވެ.