ހަބަރު

ޕްރައިމަރީގައި ވާދަކުރަން ނަޝީދު ފޯމް ހުށަހަޅުއްވައިފި

May 19, 2018
21

އެމްޑީޕީއިން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީއިން ޕްރައިމަރީއަށް ހުޅުވާލުމުން ފޯމް ލާފައިވަނީ މިހާތަނަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު އެކަންޏެވެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ފޯމް ހުށަހެޅުއްވީ އެމަނިކުފާނުގެ މެނޭޖަރު، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފެވެ. ޕްރައިމަރީގައި ވާދަކުރުމަށް 7739 މީހަކު ތާއިދުކުރާ ކަމަށް ބުނެ ސޮއިކޮށްފައިވާ ފޯމްތައް ވެސް ހުށަހެޅުއްވި އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ރައީސް ނަޝީދު ބޭސް ފަރުވާއަށް ވަޑައިގެންނެވި ގޮތަށް ރާއްޖެ ވަޑައިނުގަންނަވަ އެވެ. ކުށެއް ސާބިތުވެފައިވާތީ އިންތިހާބު ވާދަކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވެފައިވީ ނަމަވެސް ފަހު ވަގުތު ފުރުސަތު ލިބޭނެ ކަމަށް ރައީސް ނަޝީދު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

"ޖަޒީރާ ރައީސް"ގެ ނަމުގައި ރައީސް ނަޝީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. ސްކައިޕް މެދުވެރިކޮށް ބައެއް ރަށްރަށާއި ގެތަކަށް ގުޅުއްވާ ހައްދަވަ އެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ޕްރައިމަރީގައި ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ގިނަ އިސް ބޭފުޅުން ރައީސް ނަޝީދަށް ކެމްޕެއިން ކުރައްވަން ރަށްރަށަށް ވަޑައިގަންނަވާއިރު އެމަނިކުފާނަށް ޕްރައިމަރީގައި ބައި ލައްކަ ވޯޓު ހޯދުމަކީ އަމާޒު ކަމަށް މެނޭޖަރު ވަނީ ވިދާޅުވެފަ އެވެ.