ފިނިޕޭޖް

ޕްރިންސް ހެރީ އާއި މޭގަން މާކަލް ކައިވެނި ބައްލަވައިގެންފި

އިނގެރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީ އާއި އެމެރިކާގެ މަޝްހޫރު އެކްޓްރެސް މޭގަން މާކަލް ކައިވެނި ބައްލަވައިގެންފި އެވެ. މި ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ ދާދިދެންމެއަކު ވިންޑްސޯރްގެ ގަނޑުވަރުގައި ހުންނަ އެސްޓީ ޖޯޖް ޗާޗްގަ އެވެ.

މި ހަފްލާގައި އިނގެރޭސިވިލާތުގެ ރާނީ އެލިޒަމަބްތް ދެއަކާއި ޕްރިންސް ހެރީގެ ބޭބޭފުޅު ޕްރިންސް ވިލިއަމްއާއި އަނިބިކަނބަލުން ޕްރިންސެސް ކެތްރީންއާއި އެ ދެކަނބަލުންގެ ބޭފުޅުންގެ އިތުރުން ޝާހީ އާއިލާގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މޭގަންގެ މަންމަ އާއި އާއިލާގެ އެހެން ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ގިނަ އަދަދެއް މަޝްހޫރު އެކި ފަރާތްތަކުންވެސް ވަނީ މި ހަފްލާގައި ބައިވެރިވެފަ އެވެ. އެގޮތުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ
ޑޭވިޑް ބެކަމް އާއި މަޝްހޫރު ލޯޔާ އާމާލް ކުލޫނީ އާއި ފިރިމީީހާ ޖޯޖް ކުލޫނީވެސް ބައިވެރިވި އެވެ. ހަފްލާގައި ބައިވެރިވި މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ، އޮޕްރާ ވިންފްރީ އަދި އިދްރިސް އެލްބާ ހިމެނެ އެވެ.

މީގެ އިތުރުން މަޝްހޫރު ޓީވީ ހޮސްޓުންނާއި ލަވަކިޔުންތެރިން އަދި ސިޔާސީ ފަރާތްތަކުންވެސް ބައިވެރިފައިވެ އެވެ. އިނގެރޭސިވިލާތުގެ ބޮޑު ވަޒީރު ތްރޭސާ މެއި ވެސް ވަނީ މިދެކަނބަލުންނަށް މަރުހަބާ ދަންނަވާ ޓުވީޓެއް ކުރައްވާފައިވެ އެވެ.

ދައުވަތުދީގެން މި ހަފްލާއަށް 1200 މީހުން ހާޒިރުވި އެވެ. އޭގެ ތެރެއިން 600 މީހުނަށް ވަނީ ޗާޗުގެ އެތެރެއިން ހަފްލާ ބަލާލުމަށް ފުރުސަތުދީފަ އެވެ. ދައުވަތު ނުދިން ނަމަވެސް ޝާހީ ގަނޑުވަރުގެ ބޭރުގައި މި ހަފްލާ ބާލުމަށްޓަކައި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ކިޔު ހަދާފައިވެ އެވެ. ޓީވީ އަދި އޮންލައިން ސްޓްރީމިން މެދުވެރިކޮށްވެސް އެތައް މިލިއަން މީހުންނެއް ވަނީ މި ހަފްލާ ބަލާފަ އެވެ.

ކައިވެންޏަށްފަހު ބާއްވާ ރިސެޕްޝަން މިރޭ އޮންނާނެ އެވެ. އެ ހަފްލާގައި ދެ ފަރާތުގެ އާއިލާގެ ފަރާތުން 200 އެއްހާ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި ހަފްލާ އޮންނާނީ ވިންޑްސޯރް ޝާހީ ގަނޑުވަރުގެ ފްރޮގްމޯ ހައުސްގަ އެވެ.