ހަބަރު

ކަރަންޓް ސާމާނުގައި އެނާޖީ ލޭބަލް ހަރުކުރަނީ

May 20, 2018
1

ކަރަންޓުން ބޭނުން ކުރާ ސާމާނު ގަންނައިރު އެއަށް ހޭދަވާނެ ކަރަންޓެއްތޯ ދެނެގަނެވޭ އެނާޖީ ލޭބަލެއް ރާއްޖޭގައި ވިއްކާ އެފަދަ ސާމާނުގައި ހަރުކުރަން އެނާޖީ މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިންނަކީ ގޭގެ ކަރަންޓަށް ބޮޑު ހަރަދުތަކެއް ކޮންމެ މަހަކުވެސް ކުރާ ބަޔަކަށް ވާއިރު ބޭނުންކުރާ ކަރަންޓު މަދުކުރުމަށް އޮތް އެންމެ ބޮޑު އެއް ހައްލަކީ ގެއަށް ކަރަންޓު ސާމާނު ގަންނައިރު އެތަކެއްޗަށް ކަރަންޓު ޗާޖުކުރާ ވަރު ދެނެގަތުން ކަމަށެވެ. މިހާރުވެސް ބައެއް ބްރޭންޑްތަކުގެ އޭސީއާ ފްރިޖް ފަދަ ތަކެތީގައި އެނާޖީ ލޭބަލް ހަރުކޮށްފައި ހުރެ އެވެ. ނަމަވެސް އެ ލޭބަލްތަކަކީ ދިވެހިންނަށް އަމާޒުކޮށްގެން ރާއްޖެއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލޭބަލްތަކެއްނޫނެވެ. އެއިން ދިވެހިންނަށް މާބޮޑު ފައިދާއެއް ނުކުރާނެ އެވެ.

ތައާރަފްކުރަން ނިންމާފައިވާ ސްޓިކާއަކީ ރާއްޖެއަށް ހާއްސަ ލޭބަލެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މިކަމަށް ހަދަންޖެހޭ ދިރާސާތައް ހެދުމަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ.