ކެމްބްރިޖް އެނަލިޓިކާއިންް މީހުންގެ ޒާތީ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކުރި މައްސަލައާއި ފޭސްބުކްއާ އޮތް ގުޅުމާއި ފޭސްބުކް ބޭނުންކޮށްގެން ދޮގު ހަބަރު ފަތުރާ މައްސަލައިގައި ޔޫރަޕިއަން ޕާލަމެންޓުގެ މެމްބަރުންގެ ކިބައިން މާކް ޒަކަބާގް މައާފަށް އެދިވަޑައިގެންފިއެވެ. ޒަކަބާކަކީ ފޭސްބުކްގެ ޗީފް އެގްޒެކެޓިވް އޮފިސަރް( ސީއީއޯ)އެވެ.
ފޭސްބުކް ބޭނުންކުރާ 87 މިލިޔަން މީހުންގެ ޒާތީ މައުލޫމާތުތައް ނަގައި ސިޔާސީ ކެމްޕޭނެއްގައި ބޭނުންކުރި މައްސަލަ ފަޅާ އެރުމުން ވެސް ކޭމްބްރިޖް އެނަލިޓިކާއިން ބުނަމުން އަންނަނީ އެކުންފުނިން ގޯސްކޮށް އެއްވެސް ކަމެއް ނުކުރާ ކަަމަށެވެ.
އެމައްސަލައިގައި ޒަކަބާގްއާ ސުވާލު ކުރުމަށް ޔޫރަޕިއަން ޕާލަމެންޓުން މިހާރު ބާއްވަމުންދާ ސެޝަންގައި ވާހަކަފުޅު ފަށްޓަވަމުން ޒަކަބާގް ވިދާޅުވީ " ގެއްލުން ދިނުމަށް " ފޭސްބުކް ބޭނުންކޮށްފައި ވާތީ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކޭމްބްރިޖް އެނަލިޓިކާއިން ފޭސްބުކް ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތުތައް ނެގި އިރު އެކަން ހުއްޓުވަންް ފޭސްބުކް އިން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ ޒަކަބާގަށް ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައެވެ. އަދި ދޮގު ހަބަރު ފެތުރުވުން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވާތީ ވެސް ފޭސްބުކް އަށް ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ.
" ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ސާފުވެއްޖެ އަހަރެމެން އުފެއްދި ޓޫލް [މީހުންނަށް]ގެއްލުން ދިނުމަަށްް ބޭނުންކުރުން ހުއްޓުވުމަށް އަހަރެމެންނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަން،" ޔޫރަޕިއަން ޕާލަމެންޓުގެ ޕޮލިޓިކަލް ގްރޫޕުގެ ވެރިންނާ ވާހަކަފުޅު ދައްވަމުން ޒަކަބާގް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.